ރާއްޖެ-ލަންކާ ފްރީ އިކޮނޮމިކް ޒޯނުގެ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި

ރާއްޖެއާއި ލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ދިވެހި ސަރުކާރުން މިމައްސަލައިގައި ވާހަކަދައްކަވާފައި މިވަަނީ ފްރީ އިކޮނޮމިކް ޒޯނެއްގެ އިތުރުން ފްރީ މޫވްމަންޓް ޒޯނެއް ގާއިމުކުރުމަށް ދެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ލަންކާގެ ނޫސްތަކުގައި ރިޕޯޓް ކުރި ހަބަރުތަކަކާ ގުޅިގެންނެވެ.ލަންކާގެ ނޫސްތަކުން މިފަދަ ހަބަރެއް ފެތުރީ ކުރިއަށް އޮތް ޖުލައި 29 ވަނަ ދުވަހު ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅުވައިގެންނެވެ. މިނިސްޓަރު ސައީދު މިރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމް ކުރަން ދިވެހި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ދައްކާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާ ކުރެވިފައިވާ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.ރާއްޖެއާއި ލަންކާއާއި ދެމެދު ކޮމާޝަލް ޑިއުޓީ ފްރީ ޒޯނެއް ގާއިމުކުރާނެ ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް ސައީދު ވިދާޅުވެފައިވާއިރު ރާއްޖެ އާއި ލަންކާ ދެމެދު ވިޔަފާރިއާ ބެހޭ މަޝްވަރާތަކެއް ކުރެއްވުމަށް ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވާނެކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.ލަންކާގެ ނޫސްތަކުގައިވާ ގޮތުން ފްރީ އިކޮނޮމިކް ޒޯނާއި ފްރީ މޫވްމަންޓް ޒޯނާ ގުޅޭ އެއްބަސްވުމެއް ހެދިއްޖެނަމަ ވިސާއަކާއި ނުލައި މަސައްކަތް ކުރުމުގެ ހައްގާއި ވިޔަފާރި ކުރުމުގެ ހައްގާއި ޕްރޮޕަޓީ ގަތުމުގެ ހައްގު ދެ ގައުމުގެ ރައްޔިތުންނަށްވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ