ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރަން ފަށަނީ
ޓޫރިސްޓު ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް މަސައްކަތް ފަށަން ނިންމައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ މެނިފެސްޓޯގައާއި މި އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވައިފައިވާ ގޮތަށް، ރިސޯޓުތައް މަދު އަތޮޅުތަކުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރަން ނިންމަވައިފައިވާ ކަމަށެވެ. އެގޮތުން ހއ، ހދ، ށ، ތ، ލ، އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ނިންމަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ކުރާނީ، ދެ ފަރާތުން ބޭނުންވާ ކަންކަމަށް އެއްބަސްވެ، ދައުލަތުގެ ފަރާތުން އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ލިބޭހެން، އާންމު އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ އިންވެސްޓްމަންޓުތަކަށް ވެސް ފަހިވާ ގޮތަށް ކަމަށެވެ. މި މަޝްރޫއުތަކަކީ، އެ އަތޮޅުތަކުގައި އިންވެސްޓުމަންޓުތައް އިތުރުކޮށް، އެ ސަރަހައްދުތަކުގެ އިގްތިޞާދީ ހަރަކާތްތަކަށް އިތުރު ބާރެއް ލިބޭނެ ކަމެއް ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އާންމު ދަތުރުފަތުރު ތަރައްގީކުރުމަށް ކުރަމުން އަންނަ އިންވެސްޓްމަންޓުތަކާއެކު، މިއީ ފަތުރުވެރިކަމުގެ މުޅިން އާ ހަރުފަތެއް ގިރާކުރުމުގެ ވަގުތު ކަމަށެވެ. އަދި އިތުރު ތަފްސީލް ކުރިއަށް އޮތް ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަން ތަރައްގީކުރުމާ ގުޅޭގޮތުން އެ މަނިކުފާނުގެ ވިސްނުންފުޅުތަކެއް ހާމަކުރެއްވިއިރު މިއަދު ހަވީރު ރައީސް ވަނީ ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ އިގުތިސާދު މުޅިންހެން ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށެވެ. ރަށްރަށުގައި ވެސް ގެސްޓު ހައުސްތައް އިތުރުވަމުން އަންނައިރު، އާ ޓޫރިސްޓު ރިސޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން އަންނަނީ އިންވެސްޓަރުންނަށް ދައުވަތު ވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ