ތާބޫއާއި ނަގާރުޖުނާ 28 އަހަރު ފަހުން، އެކީގައި ފިލްމަކަށް
އިންޑިއާގެ ފިލްމީތަރިން ކަމަށްވާ ތައްބޫއާއި ނަގާރުޖުނާ 28 އަހަރަށް ފަހު އެކީގައި މަސައްކަތްކުރާ ފިލްމު "ކިންގް 100"ގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ތަމަޅަ ފިލްމު ޑައިރެކްޓަރު އާރް ކާތިކް އުފައްދާ "ކިންގް 100" އަކީ އައްނަޕޫނަ ސްޓޫޑިއޯސްއިން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިއުލާނުކުރި ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް ފެށިކަން ތައްބޫ ވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ވެސް ރަސްމީކޮށް އިއުލާނުކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ތައްބޫއާއި ނަގާރުޖުނާގެ އިތުރުން ނަގާގެ ދެ ކުދިން ކަމަށްވާ ނަގާ ޗައިތަންޔާ އަދި އަކީލް އައްކިނެނީ ވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ. ލޯބީގެ ފިލްމަކަށްވުރެ ބޮޑަށް "ކިންގް 100"ގެ ވާހަކަ ބިނާކޮށްފައި ވާނީ ރަހުމަތްތެރިކަމުގެ ގުޅުންތަކާއި ދިރިއުޅުމުގައި ރަހުމަތްތެރިންގެ ދައުރު މުހިއްމުކަމުގެ މައްޗަށެވެ. ރިޕޯޓުތައް ބުނާގޮތުން ތައްބޫގެ އިތުރުން، އިތުރު ތިން ބަތަލާއިން ފިލްމުން ފެންނާނެއެވެ. ނަމަވެސް، އެ ތަރިންނާ ބެހޭ މައުލޫމާތު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފިލްމު "ކިންގް 100"ގެ ސެޓުގައި ތައްބޫ އާއި ނަގާރުޖުނާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މީގެ ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ވެސް އޮތް ތަރިން ކަމަށްވާ ތައްބޫއާއި ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ނަގާރުޖުނާ އެކީގައި އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ 1998 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ ފިލްމެއްގައެވެ. ތައްބޫގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭ ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ސޮއިކޮށްފައިވާ ފިލްމެއް ހިމެނެއެވެ. ހިންދީ ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ ތައްބޫ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި ނިމުނު އޭޕްރިލް މަހުގެ 17ގައި ރިލީޒްކުރި ފިލްމު "ބޫތު ބަންގްލާ"އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބެމުން އަންނައިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 200 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ