މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދު ވެސް ދެމިތިބޭނަން: ޞާލިހު
މަސައްކަތްތެރިންގެ ހައްގައި ކުރާ މަސައްކަތުގައި އަބަދު ވެސް އެމްޑީޕީން ދެމިތިބޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ މުނާސަބަތުގައި އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު ކަމަށެވެ. މި ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި، ހަ މަހުގެ މެޓާނިޓީ ލީވް ތައާރަފުކުރުމާއި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދެވުނީ އެ ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ޞާލިހު ވިދާޅުވިއެވެ. https://x.com/ibusolih/status/2050049982938730645 މީގެ އިތުރަށް، މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށާއި މަސައްކަތްތެރިންގެ ހައްޤުގައި ކުރާ މަސައްކަތުގައި އަބަދު ވެސް އެމްޑީޕީން ދެމިތިބޭނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. "މަސައްކަތުގެ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، ރައްކާތެރި ތަނަކަށް ހެދުމަށާއި މަސައްކަތްތެރިންގެ ހައްގުގައި ކުރާ މި މަސައްކަތުގައި އަބަދު ވެސް އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ،" ޞާލިޙް ވިދާޅުވެފައިވެއެވެ. ޞާލިހު އެފަދައިން ވިދާޅުވިއިރު، މި ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑުކިޔައި އެމްޑީޕީން އަންނަނީ މާލޭގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރަމުންނެވެ. މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މާލޭގައި މި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ