ސިއްޙީ ދާއިރާގައި އަތޮޅު ތެރޭގައި ޚިދުމަތް ދެމުން އަންނަ ތަންތަނަކީ ޖާގައިގެ ގޮތުން ތަނަވަސް ނޫން އަދި ޚިދުމަތް ދިނުމުގައިވެސް އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ތަންތަނެވެ. ބައެއް ރަށްރަށުގައި އަދިވެސް ސިއްޙީ ޚިދުމަތް ފޯރުކޮށްދެނީ، ތަނެއް ކުއްޔަށް ނަގައިގެންނެވެ. އަނެއްބައި ރަށްރަށުގައި ތަރައްޤީ ކޮށްފައިވާ ސިއްޙީ މަރުކަޒުތަކަކީ، ޖާގަ ތަނަވަސް ނުވުމުގެ ސަބަބުން އެކި ޚިދުމަތް ފެށުމުގައިވެސް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ތަންތަނެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސިއްޙަތާއި ޢާއިލާއާ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ޢުމްރާނީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ނުކޮށް ހުރި ކަމަށެވެ. އެހެންކަމުން އުމްރާނީ ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މިހާރު 159 މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން މުޅިން އަލަށް 39 ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތާއި، 94 ޞިއްޙީ މަރުކަޒަށް ޖާގަ އިތުރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. ވަޒީރު ވަނީ، އިމާރާތްތައް އިތުރު ކުރުމުގެ އިތުރަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ޤާއިމްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ. ޚާއްސަކޮށް މިވަގުތު ދިވެހިން ނެތް ދާއިރާތަކަށް ދިވެހިން ހޯދަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒިރު ވިދާޅުވީ، ސިއްޙީ ދާއިރާގައި މިހާރު ކުރަމުންދާ މަސައްކަތްތައް ނިމުމާއެކު ސިއްޙީ ދާއިރާއަށާއި، އިޖުތިމާޢީ ދާއިރާއަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ.
"ސިއްހީ ޚިދުމަތުގައި ވަރަށް ކައިރިން ކަންކަނަށް ބަލަހައްޓަން ޖެހޭ. އެކި މަޝްރޫޢުތައް އެކި މަރުހަލާގައި ކުރިއަށް އެބަދޭ. ޑިޒައިންގެ މަރުހަލާއާއި ފައުންޑޭޝަންގެ މަރުހަލާތަކުގައި ކުރިއަށްދޭ." ސިއްޙަތާއި ޢާއިލާއާ އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރުވެސް 1700 އެއްހާ މުވައްޒަފުން ޚިދުމަތަށް ނެރެފައިވެއެވެ. އަދި މިއަހަރު އިތުރު 1900 އެއްހާ މުވައްޒަފުން ނެރެވޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.
ރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު، ޢުމްރާނީގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ތަރައްޤީ ކޮށްފައިވަނީ ދުރުރާސްތާ ޕްލޭނެއް ނެތި، އެދުވަސްވަރެއްގައި ބޭނުންވާ މިންވަރަށް ތަންތަންކޮޅު އިތުރު ކުރުމުގެ ވިސްނުމެއްގައެވެ. އެއީ، ދެމެހެއްޓެނިވި ގޮތެއް ނޫންކަމުން މިހާރު ރާއްޖޭގެ ގިނަ ރަށްރަށުގެ ސިއްޙީ ޚިދުމަތް ފުޅާކޮށް، ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ ޖާގައެވެ. އެހެންކަމުން ރަށްރަށުގައާއި މާލެ ސަރަޙައްދުގައިވެސް އިތުރު ހޮސްޕިޓަލްތަކާއި، ޖީޕީ ކްލިނިކްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެ ސަރަޙައްދަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި ވޭތުވެދިޔަ 2 އަހަރު ތެރޭގައި ވަނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިން ލިބެން ނެތް އެތައް ޚިދުމަތްތަކެއް ދޭން ފަށާފައެވެ. އޭގެ ތެރޭގައި ރޭޑިއޮލޮޖީ ޚިދުމަތާއި އެމްއާރްއައި، ސީޓީ ސްކޭން، އެކްސްރޭ އަދި އަލްޓްރާ ސައުންޑް ހެދުން ފަދަ ޚިދުމަތްތައް އަތޮޅު ތެރެއަށް ވަނީ ފުޅާކޮށްފައެވެ. ހަމަ މިއާއެކު ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯރެޓަރީތައް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ، ކުރަމުންނެވެ. އޭގެ ތެރެއިން 76 ރަށުގައި ލެބޯރެޓަރީ ޤާއިމް ކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަންނަނީ، މަސައްކަތް ކުރަމުންނެވެ. އަދި ޑައިލިސިސްގެ ޚިދުމަތްތައްވެސް އަންނަނީ ފުޅާކުރަމުންނެވެ.
"އަލަށް 39 ހޮސްޕިޓަލް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ