ލަންކާގެ 2.5 މިލިއަން ޑޮލަރުގެ މައްސަލަ: ތުހުމަތު ކުރެވޭ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ސްރީ ލަންކާގެ ފިނޭންސް މިނިސްޓްރީގެ އެކްސްޓާނަލް ރިސޯސަސް ޑިޕާޓްމަންޓު ހެކްކޮށް، 2.5 މިލިއަން ޑޮލަރު ނަގާފައިވާ މައްސަލައިގެ ތަހުގީގުގައި ސަސްޕެންޑްކޮށްފައި ހުރި އެތަނުގެ އެސިސްޓެންޓް ޑިރެކްޓަރަކު އޭނާގެ ގޭގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. މި ހާދިސާއާ ގުޅިގެން އިދިކޮޅު މައި ޕާޓީ ސަމާގީ ޖަނާ ބަލަވޭގަޔާގެ ސިޔާސީ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެ ހާދިސާގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، އޭނާ އަމިއްލައަށް މަރުވީ ކަމެއް ނުވަތަ މީހަކު އޭނާ މަރާލީ ކަމެއް ސާފެއް ނޫނެވެ. ލަންކާގެ ޑެއިލީ މިރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުން ޝައްކު ކުރަނީ އެއީ އަމިއްލައަށް މަރުވި ހާދިސާއެއް ކަމަށެވެ. އޮސްޓްރޭލިއާ ސަރުކާރުގެ 22.9 މިލިއަން ޑޮލަރުގެ ލޯނަކަށް ދައްކަންޖެހޭ އިންސްޓޯލްމަންޓެއްގެ ގޮތުގައި ހުރި އެ ފައިސާ ވަގަށް ނެގި މައްސަލައިގައި ސަރުކާރުން ވަނީ ފިނޭންސް މިނިސްޓްރީގެ އިސް ހަތަރު އޮފިޝަލުން ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑް ކުރި މުވައްޒަފުންގެ ތެރޭގައި އީއާރުޑީގެ ޑިރެކްޓަރަކާއި އެސިސްޓެންޓް ޑިރެކްޓަރެއްގެ އިތުރުން ޕަބްލިކް ޑެޓް މެނޭޖްމަންޓް އޮފީސް (ޕީޑީއެމްއޯ) ގެ ޑިރެކްޓަރަކާއި އެޑިޝަނަލް ޑިރެކްޓަރު ޖެނެރަލަކު ހިމެނެއެވެ. މަރުވި މީހާ ފުލުހުންނަށް ފިލަން އުޅޭ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް އޭޕްރީލް މަހު އޭނާ އެތައް ފަހަރަކު ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ހާޒިރުވެ، ބަޔާންތައް ދީފައިވާ ކަމަށް ޑެއިލީ މިރާއިން ބުނެފައިވެއެވެ. ލަންކާއިން 2.5 މިލިއަން ޑޮލަރު ގެއްލުމުގެ މައްސަލަ ދިމާވެފައިވަނީ އިގުތިސާދީ ކުރިއެރުން ދަށްވެފައި އޮންނަތާ ދެ އަހަރަށް ފަހު، މި އަހަރު އިގުތިސާދީ ކުރިއެރުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ