މި ސަރުކާރުގެ ދައުރުގައި މިހާތަނަށް 23,000 އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށެވެ.
”މި ސަރުކާރުގެ އުމުރުން ދެއަހަރާ ހަ މަސް ވޭތުވާން ކައިރިވީ އިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިއްޖެއެވެ..،“ ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
ސަރުކާރުން އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށި، ފަންނާއި ހުނަރު ކުރިއެރުވުމަށް ހިލޭ އެހީއާއި ލުއި ލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް ހިނގަމުންދާ ކަމަށާއި، 65 އަހަރުން މަތީ މީހުންނަށް ވެސް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ހުޅުވައިލައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އުމުރުން ދެ އަހަރާ ހަ މަސް ވެގެންދާ އިރު، ބިދޭސީ މަސައްކަތްތެރިން ގާނޫނަށް ފެއްތުމުގައި ކުރީ ސަރުކާރުތަކުން ނާޅާ ހަރުދަނާ ފިޔަވަޅުތައް އެޅުއްވި ކަމަށާއި، ދިވެހީންނަށް ނޫނީ ނުކުރެވޭނެ މަސައްކަތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ 2045 ވަނަ އަހަރާ ހަމައަށްދާ އިރު، ތަރައްގީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ހިފާފައިމިވާ އަމާޒަށް ގައުމު ވާސިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށް ކަމަށެވެ.
މި ދައުރުގެ މިހާތަނަށް 23,000 އަށްވުރެ ގިނަ ވަޒީފާ އަލަށް އުފެއްދިއްޖެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ