ފޯކައިދޫ ޕޮލިސް ވެރިޔާގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ

ށ. ފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ އެ ފުލުސް އޮފިސަރަށް އަމާޒުކޮށްގެން ގަސްތުގައި ހިންގާފައިވާ އަމަލެއްކަން ފާހަގަކުރެވޭ ކަމަށާއި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަހައްދުތަކަށްވެސް ގެއްލުން ވެފައިވާ ކަމަށެވެ.
މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ގެންދާއިރު އެ އަމަލު ހިންގި ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަމަ އެހެންމެ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ މިފަދަ އަމަލުތައް ދިވެހި ފުލުހުންގެ ހިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފުލުހުން އިތުރަށް ބުނީ، މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މީގެ އިތުރުން ވެސް ކުށް ކުރާ މީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ފިނޑި އަމަލުތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށާއި އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު، ފަސްޖެހުމެއް ނެތި ގާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފޯކަައިދޫ ޕޮލިސްގެ ސްޓޭޝަން އިންޗާޖު ދިރިއުޅޭ ގެ ކައިރީ ބަހައްޓާފައި ހުރި ސައިކަލުގައި ރޯކޮށްލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ 10:30 ހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ