އުފެއްދުންތެރިކަން ވަޅުޖެހެނިކޮށް މޭ ޑޭ، ރަތުގެ އިންޒާރެއް!

"ރާނާނެ މީހަކު މި ބޮޑު ރަށުން ނުވި. ދޮރެއް ޖަހައިދޭނެ ވަޑިއަކު ނުވި. އެ ހުރިހާ ކަމެއް ކުރަން ޖެހެނީ މިހާރު ބޭރު މީހުން ލައްވާ. ކުރީގައި ހަމަ ހުސް ރަށު މީހުން، ނުލާހިކު މޮޅަށް ކުރި މަސައްކަތްތައް އެއީ،" މި ފަހުން ރާއްޖެތެރޭ ރަށެއްގައި ބޮޑު ގެއެއް ހަދަން ފެށި މީހަކު ކިޔައިދޭން ފެށިއެވެ. އޭނާ ވެސް އެންމެ ފަހުން އެކަން ކުރުވީ ބިދޭސީ ގްރޫޕެއް ލައްވައެވެ. އެ މީހުންގެ ވަޑިން ވެސް ތިބެއެވެ. އެ މީހުންގެ ރާނާ މީހުން ވެސް ތިބެއެވެ. ސިމެންތި ޖަހާ މީހުންނާއި، މުށިޖަހާ މީހުންނާއި އެ ނޫން ވެސް ގެއެއްގެ ހުރިހާ މަސައްކަތަކަށް ޚާއްސަ މީހުން އެ ތިބީ ގޮސް ރަށުގައެވެ. "ކުރިން އެ މަސައްކަތްކުރި ދިވެހީން މިހާރު ކޮބާ؟" އަހާލީމެވެ. "އެންމެ ގަދައަށް ރާނާ މަސައްކަތްކުރި މީހުން އުޅެނީ މިހާރު ކޮންމެ ވެސް ވަޒީފާއެއްގައި. ގިނަ ވަޑިން އެ ތިބީ ފެނަކައިގައި. ދެން އެ ނޫން އޮތީ ކޮން ކަމެއް؟ މަސްވެރިކަން ކުރި އެންމެން ވެސް އެ ތިބީ ގެންގޮސް ފެނަކައިގައެއްނު،" އެ މީހާ ކުޑަކޮށް ރުންކުރުވެލާފައި ބުންޏެވެ. މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތެއް ހިނގަނީ: އެކަން ކުރަނީ މިހާރު ބިދޭސީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ ރުންކުރު ނުވާންވީ ސަބަބެއް ނެތެވެ. ގައުމީ ވިސްނުމަކުން ވިސްނައިފި ނަމަ މިއީ ކިހާ ބޮޑު މައްސަލައެއް ހެއްޔެވެ؟ މި ރާއްޖޭގެ އުފެއްދުންތެރިކަން ކޮބާ ހެއްޔެވެ؟ މޭ ޑޭއޭ ކިޔާފައި، ބެނާތައް ހިފައިގެން މަގުމައްޗަށް ނުކުމެ ކޮން ސަކަރާތެއް ޖަހަން ހެއްޔެވެ؟ އަސްލު މަސައްކަތްތެރީން ނެތި ގޮސްފި ނޫން ހެއްޔެވެ؟ ކުޑަކޮށް ވެސް ވަޒީފާތަކުގައި އުޅޭ މީހުންގެ ހައްގުތައް މުހިންމު ނޫނޭ ބުނަނީއެއް ނޫނެވެ. އެކަމަކު، ހަގީގީ މަސައްކަތްތެރިކަން މިއަދު އެބައޮތް ހެއްޔެވެ؟ އެއްޗެއް ވިއްޔާ އިމްޕޯޓު، މަސައްކަތެއް ވިއްޔާ ބިދޭސީން ދިވެހީންގެ ލޭނާރުގައި މަސްވެރިކަން ހުރީ ބައްޕަމެން އިރުގައެވެ. މި ޖީލާ ޖެހުނުއިރު ލެއިން އެކަން ފިލައިފި ނޫން ހެއްޔެވެ؟ ރާއްޖޭގެ މައިގަނޑު ސިނާއަތްތަކުން ދިވެހީން ގެއްލިއްޖެއެވެ. އެ ތަން ފުރަނީ ބިދޭސީންނެވެ. ރާއްޖޭގެ މަސައްކަތްކުރާ އާބާދީގެ ގާތްގަނޑަކަށް 32 އިންސައްތައަކީ ބިދޭސީންނެވެ. އަދި، ބިދޭސީންގެ ވަޒީފާ އަދާކުރާ ނިސްބަތް 98 އިންސައްތައިގައި ހުރިއިރު، ދިވެހިންގެ ނިސްބަތް އުޅެނީ އެންމެ 63 އިންސައްތައިގައެވެ. ރާއްޖޭގައި ހަގީގީ މަސައްކަތްތެރިންނަށް ތިބީ ބިދޭސީން އެކަންޏޭ ބުނުމަކީ ދޮގަކަށް ވާނެ ހެއްޔެވެ؟ ބިދޭސީ އާބާދީގެ ބޮޑުމިނުން އެކަނި ވެސް އެކަން ވަރަށް ސާފުކޮށް އެނގެއެވެ. މާލޭގެ މަގުމައްޗަށް ނުކުމެލުމުން ފެންނަ މަންޒަރުން ވެސް، އިގުތިސާދުގެ ހުރިހާ ދާއިރާއެއް ބިދޭސީންގެ އަތްމައްޗަށް ގޮސްފައިވާ މިންވަރު ވަޒަންކުރެވެއެވެ. https://sun.mv/214395 ކާ އެއްޗެއް ވިއްޔާ މި ޖެހެނީ އިމްޕޯޓު ކުރާށެވެ. އެންމެ އާދައިގެ މިސާލަކަށް ބަލާނަމަ، ދިވެހިންގެ ކެއިންބުއިމުގެ އެންމެ އަސާސީ އެއް ބާވަތް ކަމަށްވާ ކާށި ވެސް މިއަދު މި ޖެހެނީ އެތެރެކުރާށެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު އެކަނި ވެސް 662 ޓަނުގެ ކާށި ރާއްޖެއަށް ވަނީ އެތެރެކޮށްފައެވެ. ރުއްގަހުން ފުރިފައިވާ ޖަޒީރާ ރާއްޖޭގައި، ކާށި އެތެރެކުރަން ޖެހުމަކީ ލަދުން ބޯތިރިކޮށްލަން ޖެހޭ ކަމެކެވެ. ފަތްޕިލާވެއްޔާއި، ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ބޮޑު އަގު ދީފައި ގެންނަނީ ބޭރުންނެވެ. ދަނޑުވެރިކަމާއި އަމިއްލަ އުފެއްދުންތެރިކަމަށް ދިވެހިންގެ ޝައުޤުވެރިކަމެއް ނެތެވެ. ފަސޭހައިން ލިބޭ ސަރުކާރުގެ ވަޒީފާތަކަށް ދަހިވެތިވުމުގެ ނަތީޖާއެވެ. އުފެއްދުންތެރިކަން ދަށްވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވެ، ޑޮލަރުގެ ތާށިކަން ކުރިމަތިވެ، މުޅި އިގުތިސާދީ ނިޒާމު ބަލިކަށިވަނީއެވެ. އެންމެން ފެނަކައަށް ވަރުގަދަ އިގުތިސާދުތަކުގައި ގިނަ މީހުން މަސައްކަތްކުރަނީ ޕްރައިވެޓް ސެކްޓަރުގައެވެ. އަމިއްލަ ވިޔަފާރިތަކުގައެވެ. އިގުތިސާދުގެ އިންޖީނަކީ އެއީއެވެ. އަމިއްލަ ވިޔަފާރިވެރިންނެވެ. ސަރުކާރުން ހުރިހާ ސަކަރާތެއް ނުޖަހާނެއެވެ. އެކަމަކު، ރާއްޖޭގައި އެހެން ހެއްޔެވެ؟ ސިޔާސީ ބޭނުންތަކަށްޓަކައި، އުފެއްދުންތެރިކަމެއް ނެތް ވަޒީފާތައް އުފައްދައި، ދައުލަތުގެ ކުންފުނިތަކަށް މީހުން ވައްދައި ފުރާލުމަކީ އާދައަކަށް ވެއްޖެއެވެ. މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެށި ސިޔާސަތުގެ ތެރެއިން، ރަށުތެރޭގައި ތިބި ގިނަ ޒުވާނުންނަށް ފެނަކަ ކޯޕަރޭޝަން ނުވަތަ ކޮންމެ ވެސް އެހެން ސަރުކާރު ކުންފުންޏަކުން ވަނީ ވަޒީފާ ދީފައެވެ. އޮޑިޓް ރިޕޯޓުތަކާއި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ފެނަކައިގައި 2,600 އެއްހާ މުވައްޒަފުން ތިބިއިރު، 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 8,000 އާ ގާތްކުރާ މިންވަރަކަށް އިތުރުކޮށްފައެވެ. https://sun.mv/220837 މިއީ އެއްވެސް ހަރުދަނާ އުސޫލެއް ނެތި، ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ކޮށްފައިވާ ކަމެކެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ނުކަތާ ވަރަށް މުސާރައިގެ ޚަރަދު ބޮޑުވެ، ކުންފުނިތައް ދަރަނިވެރިވެ، އަމިއްލަ ވިޔަފާރިތަކަށް ވަޒީފާއަށް ދާނެ މީހުން ނުލިބެއެވެ. ކޮންމެ ޒުވާނަކު ވެސް އިންތިޒާރުކުރަނީ ސިޔާސީ މީހެއްގެ ފަހަތުން ގޮސް ސަރުކާރުގެ ކުންފުންޏަކުން މޭޒެއް ހޯދާށެވެ. މިއީ އުފެއްދުންތެރިކަން މަރާލައި، ކަންނެތް ޖީލެއް އުފައްދާ ސިޔާސަތެކެވެ. އެންމެ ފަހުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މިހާރު 42،000 އަށް އަރާނެއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ދަސްކުރަންވީ ފިލާވަޅު މި އޮތީ ރާއްޖޭގެ ވެރިންނަށް ޗުއްޓީ ހޭދަކޮށްލަން، ޝޮޕިންކޮށްލަން، ޑޮކްޓަރަށް ދައްކާލަން ސިންގަޕޫރު ވަރެއް ނެތެވެ. އެންމެންނަށް އެތަން ވަރަށް ކަމުދެއެެވެ. އެކަމަކު، އެ ގައުމުން ފިލާވަޅެއް ދަސްކުރާނީ ކޮން ވެރިއެއް ހެއްޔެވެ؟ ކުރިން 1960ގެ އަހަރުތަކުގައި ސިންގަޕޫރުން އެ ގައުމުގެ އިގުތިސާދު ބިނާކުރީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނެސް، އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލައިގެންނެވެ. އެ ގައުމުގެ އިގުތިސާދީ ތަރައްގީގެ ސްޓްރެޓެޖީއަކީ ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، ވިޔަފާރިތަކަށް ބޭނުންވާ އުމްރާނީ ތަރައްގީއާއި، ގާނޫނީ ހަމަޖެހުމާއި، އަދި ހުނަރުވެރި މަސައްކަތްތެރިން ފޯރުކޮށްދިނުމެވެ. ސަރުކާރުގެ ދައުރަކީ ވިޔަފާރިކުރުމާއި ވަޒީފާ ބެހުމެއް ނޫނެވެ. ސަރުކާރުގެ ދައުރަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމާއި، އުސޫލުތައް ކަނޑައަޅައި ތަންފީޒުކުރުމެވެ. އެހެންވެ، ރާއްޖެއާއި ސިންގަޕޫރުގެ ތަފާތު ނިކަން ބަލާށެވެ. https://sun.mv/216249 ރާއްޖެއިން ވެސް މި ހާލަތު ރަނގަޅުކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދައުލަތުގެ ކުންފުނިތަކަށް ސިޔާސީ ބޭނުމަށް މީހުން ވެއްދުން ހުއްޓާލުމެވެ. އޭގެ ބަދަލުގައި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިވުމެވެ. ޒުވާނުންނަށް ހުނަރު ދަސްކޮށްދީ، ކޮންސްޓްރަކްޝަނާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމެވެ. މިއީ ހަމައެކަނި ވަޒީފާއެއް ހޯދުމަށްވުރެ ފުޅާ ކަމެކެވެ. މިއީ އުފެއްދުންތެރިކަން އިތުރުކޮށް، ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. އިގުތިސާދީ ކަމެއް އެކަންޏެއް ނޫނެވެ. ގައުމީ ސަލާމަތާ ވެސް ގުޅޭ ކަމެކެވެ. ޒަމާނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމާއި، މަސްވެރިކަމުގައި ވެލިއު އެޑެޑް އުފެއްދުންތައް އުފެއްދުމަށް ޒުވާނުންނަށް ފުރުސަތު ދިނުމަކީ އިގުތިސާދީ މިނިވަންކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. ރާއްޖެއާ އެކު 1965 ވަނަ އަހަރު މިނިވަންކަން ލިބުނުއިރު، އެއްވެސް ގުދުރަތީ ވަސީލަތެއް ނެތް، ފަގީރުކަމުގެ ތެރޭގައި އޮތް ސިންގަޕޫރު މިއަދު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސާދަކަށް ބަދަލުވީ، ތައުލީމާއި ހުނަރުވެރި ކަމަށް ކުރި ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. މަސައްކަތްތެރިންގެ ދުވަހު މި ވާހަކަ ނުދައްކައެއް ނުވާނެއެވެ. މިއީ އިގުތިސާދީ ބޮޑު ކާރިސާއެކެވެ. މޭ ޑޭ މި އައީ މަސައްކަތްތެރިކަން މަރުވެ، އުފެއްދުންތެރިކަން ވަޅުޖެހެނިކޮށެވެ. މިއީ ރަތުގެ އިންޒާރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ