މެދުއިރުމަތީގެ ޙާލަތާ ގުޅިގެން އޭޝިޔާގެ ސިޔާސަތުތައް ހަރުދަނާކުރަން ގޮވާލައިފި

ޞަހްޔޫނީން ރުއްސުމަށް އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، އިޤުތިޞާދީ ގޮތުން ކުރިމަތިވެދާނެ އިތުރު ލޮޅުންތަކުން ސަލާމަތްވުމަށް ޓަކައި އޭޝިޔާގެ ޤައުމުތަކުގެ އިޤުތިޞާދީ އަދި މާލީ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން (އައިއެމްއެފް) ގޮވައިލައިފިއެވެ.
އެޕްރީލު މަހުގެ 14 ވަނަ ދުވަހު އައިއެމްއެފުން ވަނީ 2026 ވަނަ އަހަރުގެ ދުނިޔޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ނިސްބަތް %3.1 އަށް ދަށްކޮށްފައެވެ. ނަމަވެސް، ހަކަތައިގެ މައްސަލަތައް ޙައްލުނުވެ ދިގުލައިގެން ގޮސްފިނަމަ، ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން %2.5 އަށް ވެއްޓުމުގެ ފުރުޞަތު ބޮޑު ކަމުގައި އައިއެމްއެފްގެ ޗީފް އިކޮނޮމިސްޓް ޕިއެރް-އޮލީވިޔޭ ޣޫރާޝާ ވަނީ އިންޒާރު ދެއްވާފައެވެ.
އައިއެމްއެފުން އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައި ހުންނަވާ ޑައިރެކްޓަރ ކްރިޝްނާ ޝްރީނިވާސަން ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ތެލާއި ގޭސް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ތެލުގެ އަގު އުފުލުމުން ކުރާ އަސަރު ކުޑަކުރުމަށް ދެކުނުއިރުމަތީ އޭޝިޔާގެ އިޤުތިޞާދުތަކުން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، ޢާންމުކޮށް އެންމެންނަށް މަންފާވާ ގޮތަށް ދޭ ހަކަތައިގެ ސަބްސިޑީތައް އިތުރުކުރުމުގެ ބަދަލުގައި، ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނޭ ގޮތަކަށް އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މާލީ އަޚުލާޤު ހިފެހެއްޓުމަށް އޭނާ ލަފާދެއްވިއެވެ.
މާލީ ސިޔާސަތުތަކަށް ބަލައިލާއިރު، ޗައިނާ ފަދަ 'ޑިފްލޭޝަނަރީ' ބާޒާރުތަކަށް މަޑުޖައްސައިލެވިދާނެ ކަމުގައި ޝްރީނިވާސަން ވިދާޅުވި ނަމަވެސް، އޮސްޓްރޭލިޔަ ފަދަ އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު އުފުލެމުންދާ ޤައުމުތަކުން މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ފިލިޕީންސް ފަދަ ޤައުމުތަކުން ދުރާލާ ފިޔަވަޅުތައް އެޅިނަމަވެސް، އައިއެމްއެފްގެ ލަފައަކީ އިންފްލޭޝަންގެ އަސްލު އަސަރު ފެންނަންދެން މަޑުކުރުން ކަމުގައި އޭނާ އިރުޝާދު ދެއްވިއެވެ. މިއީ، އިޤުތިޞާދީ ކުރިއެރުމަށް ހުރަސްނޭޅޭނެ ގޮތުގައި މަރުކަޒީ ބޭންކުތަކުން ހިފަހައްޓަންޖެހޭ ވަރަށް ނާޒުކު 'ބެލެންސެއް' ކަމުގައި ވެސް ޝްރީނިވާސަން ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތިން މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮވެއްޖެނަމަ، ތެލުގެ އަގު އުފުލި، އައިއެމްއެފްގެ އެންމެ ނުރައްކާތެރި އިޤުތިޞާދީ އަންދާޒާތައް ޙަޤީޤަތަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. މީގެ އިތުރުން، ގަސްކާނާ ފަދަ ތަކެތި ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައިއަށް ނުވަތަ ލިބޭ މިންވަރަށް ލޮޅުން އަރައި، ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރަށް ބޮޑުވެގެންދާނެ ކަމުގައި ވެސް މާހިރުން އިންޒާރު ކުރިއެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އޭޝިޔާގެ ޤައުމުތަކުން ކޮންމެ ފަދަ ޙާލަތަކަށް ތައްޔާރުވެ ތިބެންޖެހޭނެ ކަމުގައި ވެސް އައިއެމްއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ