މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ޙާއްސަ ހިނގާލުމެއް!

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ޙާއްސަ ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.
މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ކުރިއަރައި ދިއުމުގައި މަސައްކަތްތެރިންގެ މަސައްކަތާއި އެ މީހުންވާ ޤުރުބާނީގެ އަގު ވަޒަންކުރުމެވެ. މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސްފާހަގަކުރުމުގެގޮތުން ހާޙާއްސަ ހިނގާލުމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހިނގާލުން ކުރިއަށްދިޔައީ އާޓިފިޝަލް ބީޗް ސަރަޙައްދުން ފެށިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ.
މި ހިނގާލުމުގައި ސަރުކާރުގެ މުއައްސަސާތަަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތައް އަދި ސިވިލް ސަރވިސްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހިނގާލުމުގައި ސަރުކާރުގެ ބައެއް ވަޒީރުން އަމަލީ ގޮތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ހަރަކާތުގައި ރަސްފަންނު ސަރަޙައްދުގައި މައުރަޒާއި، މައުލޫމާތާއި ޚިދުމަތްދޭ ބޫތުތައް ބަހައްޓާފައިއެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއެކު، ހޭލުންތެރިކަން އިތުރުކުރުމާއި، މަޝްވަރާތަކަށް މަގުފަހިކުރުމެވެ. އަދި ދިވެހިރާއްޖޭގައި އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށާއި އިޖުތިމާއީ އަދުލުވެރިކަން ކަށަވަރުކުރުމަށް ބާރުއަޅާ ސިޔާސަތުތައް ކުރިއެރުވުމެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރުއެވެ. ރާއްޖޭގައި މިދުވަސް ފާހަގަކުރަން ފެށިފަހުން 19 އަހަރު ފާއިތުވެފައިވާއިރު، ސަރުކާރުން ގެންދަވަނީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށްދީ، މަސައްކަތްތެރިންނަށް ފަހި މާޙައުލުތަކާއި ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ޝުއޫރު ހިއްސާކޮށްފައެވެ.
މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރަކީ "އިޙްތިރާމް، ބަލައިގަތުން، ޙައްޤުތައް" އެވެ.
މި ޝިއާރުން ތިން މުހިންމު އަސާސަކަށް ބާރުއަޅައެވެ. އެއީ ހުރިހާ މަސައްކަތްތެރިންނަށް އިޙްތިރާމްކުރުމާއި އެފަރާތްތަކުގެ ހިއްސާ ބަލައިގަތުން އަދި އެފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ