މެދުއިރުމަތީގެ ހާލަތާ ގުޅިގެން އޭޝިޔާގެ ސިޔާސަތުތައް ހަރުދަނާކުރަން ގޮވާލައިފި

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަތުމަށް ސިޔާސަތުތަކަށް ބޮޑެތި ބަދަލުތައް ނުގެނައުމަށް، ދުނިޔޭގެ މާލީ އިދާރާ، އައިއެމްއެފްއިން އޭޝިއާގެ ޤައުމުތަކަށް އިލްތިމާސްކޮށްފިއެވެ.
ފެބްރުއަރީ 28ގައި އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނަށް ދޭން ފެށި ޙަމަލާތަކުގައި ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ 20 އިންސައްތަ ދައުރުވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އެ ކަނޑުއޮޅި ބަންދުކުރުމާއެކު ތެލުގެ ސަޕްލައި ތާށިވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ރެކޯޑް މިންވަރަކަށް އުފުލިފައެވެ.
އެކަމާ ގުޅިގެން، އޭޝިއާގެ ގިނަ ޤައުމުތަކުން ވަނީ ގޭގައި ތިބެގެން މަސައްކަތްކުރުމާއި ހަކަތަ ބޭނުންކުރުން މަދުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅަން ފަށައިފައެވެ.
އައިއެމްއެފްގެ އޭޝިއާ ޕެސިޕިކް ސަރަޙައްދުގެ ޑިރެކްޓަރު ކްރިޝްނާ ސްރިނިވާސަން ވިދާޅުވީ، ތެލުގެ އަގުތައް އިންތިހާއަށް މަތިވުމާ ގުޅިގެން، ތެލަށް ސަބްސިޑީ ދިނުން ފަދަ ދައުލަތުގެ ޚަރަދުތައް ބޮޑުވާފަދަ ފިޔަވަޅުތައް އެޅުމުން ދުރުހެލިވާންޖެހޭ ކަމަށެވެ.
މިގޮތުން، ދޭން ފަށައި ސަބްސިޑީއަކީ ފަހުން ހުއްޓައިލަން އުނދަގޫވާނެ ފިޔަވަޅެއް ކަމަށް ފާހަގަކުރައްވަމުން އޭނާ ވަނީ، ވިސްނުންތެރިކަމާ އެކު މާލީ އަދި އިޤްތިޞާދީ ޙާލަތަށް ރިއާއަތްކޮށް، ވިސްނުންތެރިކަމާއެކު ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވައިފައެވެ.
ސްރިނިވާސަން ވިދާޅުވި ގޮތުގައި، ތަކެތީގެ އަގުތައް އިތުރަށް އުފުލުމުގެ ބިރު ބޮޑުނަމަވެސް، ދުރާލައި، މާ ވަރުގަދަ ފިޔަވަޅުތައް އަޅައިފިނަމަ، އިޤްތިޞާދީ މަޑުޖެހުމަކާ ކުރިމަތިލާންޖެހޭނެއެވެ.
އެހެންކަމުން، އޭނާ ވަނީ ވިސްނުންތެރިކަމާއެކު، އިޤްތިޞާދީ ކުރިއެރުމަށް ގެއްލުންނުވާނެ ގޮތަކަށް ފިޔަވަޅުތައް އެޅުމަށް އޭޝިއާގެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކަށް އިލްތިމާސްކުރައްވައިފައެވެ.
ހަނގުރާމަ ފެށުމުގެ ކުރީކޮޅު، އައިއެމްއެފްއިން ވަނީ ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 3.1 އިންސައްތައިން މަޑުޖެހޭނެކަމަށް ލަފާކޮށްފައެވެ.
ނަމަވެސް، ކައިރި މުސްތަޤުބަލެއްގައި މި ހަނގުރާމަ ނިމުމަކަށް ގެނެވޭނެކަމުގެ އުއްމީދު ފަނޑުވެފައިވާއިރު، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުން 2.5 އިންސައްތައިން މަޑުޖެހިދާނެކަމުގެ އިންޒާރު އައިއެމްއެފްއިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ