ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުން، ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއާއި އިތުރު 10 ޤައުމެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އަދި މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސް އެޅުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ޙަމަލާއާއި އިންސާނީ އެހީތެރިން ޤާނޫނާ ޚިލާފަށް ހައްޔަރު ކުރުމަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖެއާއި އިތުރު 10 ޤައުމެއްގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމާމެދު ކަންބޮޑުވާކަމަށާއި، އަދި އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށް ބުނެފައިއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ޙިމާޔަތް ކުރުމަށާއި، މިފަދަ ޚިލާފުވުންތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަޚުލާގީ އަދި ޤާނޫނީ ވާޖިބު އަދާކުރުމަށްވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ.
މިބަޔާނުގައި ދިވެހިރާއްޖޭގެ އިތުރުން ދެން ބައިވެރިވެފައިވަނީ، ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ.
ސުމޫދު ފްލޮޓިލާއަށް ހުރަސްއެޅުން ރާއްޖެއިން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ