"މަސައްކަތްތެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު"

ބިދޭސީ މަސައްކަތްތެރިން ގެނެސް ނަހަމަގޮތުގައި އެމީހުންގެ ފައިދާ ނަގަމުންދިޔުން ހުއްޓުވާ ދިވެހީންނަށް މަސައްކަތްތެރި މާޙައުލެއް ޤާއިމުކޮށްދެއްވާ އިތުރު ފުރުޞަތުދިނުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގެ މައިބަދައަކީ މަސައްކަތްތެރިންކަމަށެވެ. މިގޮތުން ދިވެހި އަދި ބިދޭސީން މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ އަދުގެ ސިޔާސަތަކީ މަސައްކަތްތެރިންގެ ޙައްގުގައި މިހާތަނަށް ވަކާލާތު ކުރެވިފައިވާ ކަންކަން ފާހަގަކޮށް އެކަމަށް އެންމެ ފުރިހަމަ ހައްލު ގެނައުންކަމަށެވެ. އަދި ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ނުވަތަ އެމީހުންގެ ނާޖައިޒް ފައިދާ ނެގުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމައެއާއެކު ދިވެހިންނަށް މަސައްކަތްތެރި މާޙައުލެއް ރާއްޖޭގައި ކަށަވަރުކުރުމަކީވެސް ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އެކްސްޕްލޮއިޓްކުރުން ހުއްޓުވާ، ދިވެހީންނަށް މަސައްކަތްތެރި މާޙައުލުގައި ފުރުސަތުތައް ފަހިކޮށް، ދިވެހީންނަށާއި ބިދޭސީންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ އެންމެހާ ދަތިތަކާއި މިހާރުން މިހާރަށް ހައްލުކުރެވެން ހުރި ކަންކަން ހައްލުކޮށް، ދުރުރާސްތާގައި ހައްލުކުރަންޖެހޭކަންކަން ދެނެގަނެ އެއަށް ހައްލު ގެނެސްދިނުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހަކީ، ޤައުމު ބިނާކުރުމަށް މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރާ ދުވަސްކަމަށެވެ. މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ދައުލަތުގެ އެހެން މުއައްސަސާތަކާއި ގުޅިގެން ޚާއްސަ ހިނގާލުމެއް ވަނީ އިންތިޒާމުކޮށްފައެވެ. މި ހިނގާލުމުގައި އެކި ފަންނުގެ ގިނަ އަދަދެއްގެ މަސައްކަތްތެރިން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ