ފުލުހުންގެ އިންޓެލިޖެންސް ސިޔާސީވުމުގެ ބިރު އެބައޮތް: ކުރީގެ ސީޕީ ހަމީދު
ދިވެހިރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސްގެ މަސައްކަތްތައް ސިޔާސީ ނުފޫޒުގެ ތެރެއަށް ވަދެ، ޕްރޮފެޝަނަލް މިންގަނޑުތަކާ ދުރަށް ދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ. ހަމީދު އެގޮތަށް ވިދާޅުވެފައި މި ވަނީ ފުލުހުންގެ ތަހުގީގުތަކަށް ހޯމް މިނިސްޓަރު އަލީ އިހުސާން ނުފޫޒު ފޯރުވައި, ތަހުގީގުތައް ނިމުމުގެ ކުރިން ވަކި ކަމެއް ވަކި ގޮތަކަށް ނިންމައި ހާމަ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީއާއި ބައެއް ގާނޫނީ ބޭފުޅުން ތުހުމަތުކުރައްވަމުން ގެންދަވަނިކޮށެވެ. ނަމަވެސް، މި ތުހުމަތުތައް އިހުސާން ދޮގު ކުރައްވަވައެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ފުލުހުންގެ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ. https://www.sun.mv/221313 ހަމީދު މިއަދު އާންމުކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސްގެ މިސްރާބު ގޯސްވަމުންދާ ކަމަށާއި މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކާތެރި ކަމެއް ކަމަށެވެ. ސީޕީކަމުގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސްގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތައް ފުރުއްވި ހަމީދުގެ ލިޔުމުގައި، ފާއިތުވި އަހަރުތަކުގައި އިންޓެލިޖެންސްގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ގެއްލިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޓެލިޖެންސަކީ ހަމައެކަނި މައުލޫމާތެއް ނޫން ކަމަށާއި، އެއީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ މުހިންމު ނިޒާމެކެވެ. އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ޕޮލިސިން، އިންޓެލިޖެންސް އަދި ކައުންޓާ-ޓެރަރިޒަމްގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ހަމީދު ވިދާޅުވީ, 2010 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސްއާ ހަވާލުވެވަޑައިގަތްއިރު، އެ މުއައްސަސާ އޮތީ ސިޔާސީ ފަރާތްތަކަށް ފާރަލުމުގެ މަސައްކަތަށް ހުސްވެފައި ކަމަށެވެ. ނަމަވެސް، ސްކޮޓިޝް ސެންޓާ ފޯ އިންޓެލިޖެންސް އެންޑް އެނަލިސިސް ޓްރެއިނިން ފަދަ ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީތެރިކަމާ އެކު، އިންޓެލިޖެންސްގެ މަސައްކަތަކީ ފުލުހުންގެ ތަހުގީގުތަކަށާއި ގައުމީ ސަލާމަތަށް އެހީތެރިވެދޭ، ހަރުދަނާ ނިޒާމަކަށް ބަދަލުކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، މަދަނީ އެނަލިސްޓުން ތަމުރީނުކޮށް، މައުލޫމާތު ވަޒަންކުރާނެ ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ. "އެ ދުވަސްވަރު ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، މައުލޫމާތު ގިންތިކުރާނެ އުސޫލުތައް ކަނޑައެޅުމާއި، އިންޓެލިޖެންސް ވަޒަންކޮށް ގްރޭޑްކުރުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނޭ. އަދި މައުލޫމާތު ދޭ މަސްދަރުތަކުގެ އިތުބާރު ހުރި މިންވަރު ކަށަވަރުކުރުމާއި، އެނަލިޓިކަލް ރިޕޯޓުތައް އެއް މިންގަނޑަކަށް ފެއްތުން ފަދަ ކަންކަން ހިމެނޭ،" ހަމީދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިންޓެލިޖެންސްގެ އަގު ވަޒަންކުރެވެނީ އޭގެ އިތުބާރު ހުރި މިންވަރަކުންނެވެ. އަދި އެ އިތުބާރު ބިނާވަނީ މަސައްކަތުގެ ނަޒާހަތްތެރިކަމާއި، މައުލޫމާތު އެއްކުރާ ގޮތުގެ ހާމަކަން ބޮޑުކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އެއް ފަހަރު އިތުބާރު ގެއްލިއްޖެނަމަ، އަލުން އެ އިތުބާރު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ރާއްޖޭން ފެންނަ މަންޒަރުތަކާ ގުޅޭގޮތުން ހަމީދު ވިދާޅުވީ، އިންޓެލިޖެންސްގެ މަސައްކަތްތައް އަނެއްކާ ވެސް 2010 ގެ ކުރީގެ ހާލަތަށް ދާކަމުގެ ނިޝާންތައް ފެންނަމުންދާ ކަމަށެވެ. ޚާއްސަކޮށް، ހަގީގަތަށް ބިނާކޮށް މައުލޫމާތު އެއްކުރުމުގެ ބަދަލުގައި، ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވާހަކަތައް އުފައްދައިގެން އިންޓެލިޖެންސް ރިޕޯޓުތައް ތައްޔާރުކުރަމުންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ. https://www.sun.mv/221333 "ރަސްމީ ތައްގަނޑު ޖަހާފައި ހުންނަ ކޮންމެ ރިޕޯޓަކީ ސައްހަ އިންޓެލިޖެންސެއް ނޫން. އޭގެ ސައްހަކަން ކަށަވަރުކުރެވެނީ މައުލޫމާތު ހޯދާ މަސްދަރުތަކާއި، އެ މައުލޫމާތު ވަޒަންކުރާ ގޮތުގެ މައްޗަށް. މި މިންގަނޑުތައް ނެތްނަމަ، އިންޓެލިޖެންސަކީ ހަމައެކަނި ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ހަތިޔާރަކަށް އަދި ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކަށް ވެގެންދާނެ," ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން، އިންޓެލިޖެންސްގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާ މެދު ވެސް ހަމީދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ގާނޫނީ ސާފު އޮނިގަނޑެއް ނެތި، އިންޓެލިޖެންސްގެ މަސައްކަތްތަކުގެ ނަން ބަދަލުކުރުމާއި، އެކި މުއައްސަސާތަކުގެ ދަށަށް ބަދަލުކުރުމަކީ އިންޓެލިޖެންސްގެ އަސްލު މަގުސަދު އޮޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން އެސިސްޓެންޓް ކޮމިޝަނަރަކަށް ހުންނެވި, ޑރ. ޢަބްދުﷲ ފައިރޫޝް ފަދަ ބޭފުޅުންގެ އެކެޑެމިކް ދިރާސާތަކާ ހަވާލާދެއްވައި ހަމީދު ވިދާޅުވީ، ރާއްޖޭގެ އިންޓެލިޖެންސްގެ ތާރީޚު ގުޅިފައިވަނީ ވަރަށް ތަފާތު ސިޔާސީ ނިޒާމުތަކަކާ ކަމަށެވެ. ނަމަވެސް، އެ ތާރީޚަކީ މުސްތަގުބަލު ކަނޑައަޅާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ފަދަ ސިޔާސީ ގޮތުން ބައިބައިވެފައިވާ ކުޑަ މުޖުތަމައެއްގައި، އިންޓެލިޖެންސް ނުބައި ގޮތުގައި ބޭނުންކުރުމުގެ ނަތީޖާ ވަރަށް ގޯސްވެދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖެއަށް ބޭނުންވަނީ ގާނޫނީ ގޮތުން ބާރުލިބިފައިވާ، ޑިމޮކްރެޓިކް އުސޫލުތަކާ އެއްގޮތަށް މަސައްކަތްކުރާ، މިނިވަން އަދި ޕްރޮފެޝަނަލް ގައުމީ އިންޓެލިޖެންސް އިދާރާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަތައް ހައްލުކުރުމަށްޓަކައި، މުއައްސަސާތަކާއި އިސްވެރިންގެ ޒިންމާ ބޮޑުކަން ހަމީދު ފާހަގަކުރެއްވިއެވެ. މުއައްސަސާތަކުން ޕްރޮފެޝަނަލް މިންގަނޑުތައް ހިފަހައްޓަން ޖެހޭނެ ކަމަށާއި އިސްވެރިން އިންޓެލިޖެންސްގެ ހަގީގީ މާނަ ދެނެގަނެ، ފެންވަރު ރަނގަޅު މައުލޫމާތަށް އެދެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ޚާއްސަކޮށް، މައުލޫމާތުގެ މަސްދަރަކީ ކޮބައިތޯއާއި، އެއީ ކިހާ އިތުބާރު ހުރި މައުލޫމާތެއްތޯއާއި، އެކަން ކަށަވަރުކުރެވިފައިވޭތޯ އިސްވެރިން ސުވާލުކުރައްވަން ޖެހޭނެ. އިންޓެލިޖެންސްގެ މަސައްކަތަކީ އާންމުންގެ ލޯތަކާ ދުރުގައި ކުރެވޭ ކަމަކަށް ވިޔަސް، އޭގެ ނަޒާހަތްތެރިކަން ގެއްލިގެން ނުވާނެ," ހަމީދު ވިދާޅުވިއެވެ. މިކަންކަން އިސްލާހު ނުކުރެވިއްޖެނަމަ، ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ ކުރިއެރުންތައް އެއްކޮށް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތް ކަމަށް ހަމީދު ވިދާޅުވިއެވެ. އޭނާ ވަނީ އިންޓެލިޖެންސްގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށްޓަކައި، ގާނޫނީ އޮނިގަނޑުގެ ތެރެއިން މިނިވަންކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ