މިއަދަކީ "މޭ ޑޭ" އެވެ. މި ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މަސައްކަތްތެރީންގެ ހައްގުގެ ދުވަހެވެ. މި ދުވަސް ތާރީހުން ފެނިފައިވަނީ ހައްގު އުޖޫރައަކާއި އަޅުވެތި މަސައްްކަތްކުރުމުގެ ސަގާފަތަކުން އަރައިގަތުމަށް ކުރި އިހުތިޖާޖުތަކާއި ގުރުބާނީ އެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "މޭ ޑޭ" ނިސްބަތްވަނީ އިންޑަސްޓްރިއަލް ރެވޮލިއުޝަންގެ ޒަމާނުގައި، އަޅުންގެ ގޮތުގައި މަސައްކަތްތެރިން ގެންގުޅުމުގެ ސަގާފަތާ ދެކޮޅަށް އެމެރިކާގެ ޝިކާގޯގައި ބޭއްވި ބޮޑު ހިނގާލުމަށެވެ. 1 މެއި 1886ގައި ކުރެވުނު އިހުތިޖާޖަށްފަހު ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ގޮތުގައި އެ ދުވަސް ކަނޑައެޅުނީ 1894ގަ އެވެ.
އިންޑަސްޓްރިއަލް ރެވޮލިއުޝަންގެ ޒަމާނުގައި ވަޒީފާ ލިބުމަކީ ވެސް ދަތި ކަމެކެވެ. އަދި އަދާކުރާ ވަޒީފާ އަކީ ވެސް ދައްޗެކެވެ. ދުވާލަކު 12 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މީހުން މަސައްކަތް ކުރި އެވެ. ސިއްހީ އިނާޔަތްތަކާއި، ޕެންޝަނާއި، ޗުއްޓީ ދުވަސްތައް އެއީ އޭރުގައި ދަންނަ ކަމެއް ނޫނެވެ.
އޭރު މަސައްކަތްތެރިން ގޮވާލަމުން ދިޔަ ގިނަ ކަންކަން ހަގީގަތަކަށް ވެގެން އައީ އޭގެ މާ ފަހުން 1938 ގަ އެވެ. އޭރު ޔޫނިއަންތަކުގެ ގިނަ ލީޑަރުންނަށް މަރުގެ އަދަބު ދީ، އެކި އިހުތިޖާޖުތައް ނިމުނީ ލޭއޮހުރުވުމަކުންނެވެ. ކޮންމެއަކަސް މަސައްކަތްތެރީންގެ ބަޔެއްގެ އެ ގުރުބާނީއަށް ފަހުގައި، 8 ގަޑިއިރުގެ މަސައްކަތު ގަޑިއާއި ހަފުތާގެ ފަސް ދުވަހު މަސައްކަތް ކުރެވޭ ގޮތަށް ދުނިޔެ މި ދެކޭ މިންގަނޑު ފުރަތަމަ ފަހަރަށް ކަނޑައެޅިގެންދިޔައީ އެ އަހަރެވެ.
ނަމަވެސް ރާއްޖޭގައި ޔުނިއަންތައް މި ފެންނަނީ ވަރަށް ބަލިކަށިކޮށް ކަމަށް ދެކެވެ ޔޫނިއަންތަކުގެ ބާރާއި މަގްސަދު އަޅުގަނޑުމެންނަށް މުޅިން ސާފު ނުވަނީބާ އެވެ.
މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް 'ދައުރު'ން ގެނެސްދޭ 'އެއްބަސްވެ ދެބަސްވަމާ' ގެ މިއަދުގެ އެޕިސޮޑްގައި މަައުލޫއަކީ ވެސް މަސައްކަތްތެރިންގެ ހައްގުތަކާއި، އެ ހައްގުތައް ހޯދުމުގައި ޔޫނިއަންތަކުގެ ދައުރާއި އެ ކަމުގައި ހުރި ގޮންޖެހުންތަކެވެ. މެހެމާނަކީ ރާއްޖޭގެ ޔުނިއަންތައް ހިންގުމުގެ ތަޖުރިބާ ހުންނެވި ފާތިމަތު ޒިމްނާ އެވެ.
ވޮޑްކާސްޓް ފައްޓަވަމުން ހޮސްޓުންގެ ގޮތުގައި ތިއްބެވި 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު އާއި ސީނިއާ އެސޯސިއޭޓް އެޑިޓަރު އަހުމަދު ނާއިފް ވެސް ފުރަތަމަ ދޫކޮށްލެއްވި ސުވާލަކީ ރާއްޖޭގައި ވަޒީފާ ދޭ މީހުން މަސައްކަތްތެރިންގެ ހައްގުތަކަށް އިހުތިރާމުކުރާ މިންވަރަކީ ކޮބައިބާވަ އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ޔުނިއަންތަކުގެ މައި ކޮންގްރެސްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ޒިމްނާ ވިދާޅުވީ މޭ ޑޭގެ ފަހުގައި ވެސް ހަގީގަތަކީ މަސައްކަތްތެރިންގެ ހައްގުތަކެއް އޮންނަ ކަމަކަށް ވަޒީފާ ދޭ ފަރާތްތަކުން ނުދެކޭ ކަމެވެ. ލޭބާ ނުވަތަ މަސައްކަތްތެރިން ދެކެނީ ކޮމޯޑިޓީ ނުވަތަ އާމްދަނީ ހޯދަން ބޭނުންކުރާ މުދަލެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް އެ ހަގީގަތް އޮތީ އެ ބީދައިން ކަން ޒިމްނާ ފާހަގަކުރެއްވި އެވެ.
"އެމްޕްލޯއީމަންޓް އެކްޓް [ވަޒީފާއާ ބެހޭ ގާނޫނު] ވެސް އެއީ ފައިސާ ހޯދުމަށް ހުރި ހުރަހެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކުން ދެކެނީ،" ޒިމްނާ ވިދާޅުވި އެވެ.
އަސާސީ ހައްގުތަކުގެ ދިގު ބާބެއް އިސްކޮށްގެން އެކުލަވާލި ފެހި ގާނޫނުއަސާސީގައި ޔޫނިއަންތައް ނުވަތަ މަސައްކަތްތެރިންގެ ޖަމިއްޔާތައް ހެދުމުގެ ހައްގު ލިޔެފައިވަނީ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާޖަމާއަތްތައް ހެދުމުގެ ހައްގާއެކު އެ ބާބުގައި އެއް މާއްދާއެއްގަ އެވެ.
އެހެން ނަމަވެސް އަނެއް ދެ ހައްގާ ގާތްކުރާ މިންވަރަށް ވެސް ޔޫނިއަންތަކުގެ ހައްގު ބޭނުންނުކުރެވޭ ކަން ޒިމްނާ ފާހަގަކުރެއްވި އެވެ. އެހެން ދިމާވާ ސަބަބަކީ ޔުނީއަންތަކުގެ ބާރު އުފެދި، ކުރިމަތިލާން ޖެހެނީ މާ ބިޔަ ބާރުތަކާ ދިމާއަށެވެ. އަދި ޔުނިއަންތަކުގެ ބާރު އުފެދެން އެ ބިޔަ ބާރުތަކުން ބޭނުން ނުވާނެ ކަމަށް ޒިމްނާ ވިދާޅުވި އެވެ.
"ބާރު މި ވަގުތު ކޮން ބަޔެއްގެ އަތުގައިތޯ މި އޮތީ؟ ސަރުކާރު ހިންގާ ފަރާތްތަކަށާއި ވެލްތު [މުއްސަނދިކަމާއި ވަސީލަތްތައް] ކޮންޓްރޯލްކުރާ ފަރާތްތަކުގެ އަތުގައި. ވަޒީފާ ދޭން ތިބީ ވެސް އެ ފަރާތްތައް،" ޒިމްނާ ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ޔުނިއަންތައް ވަރުގަދަވުމުން ދިމާވާނެ ކަމަކީ މި ބުނާ ބާރުތަކާއި މަސައްކަތްތެރިން ކޮންމެ ވެސް ސިފައެއްގައި އަރާހަމަވުމެވެ. ސަރުކާރާއި، ވަޒީފާ ދޭ ފަރާތްތަކާއި، މި ބުނާ ޔުނިއަންތަކުގެ ދެމެދު އިޖުތިމާއީ ގުޅުމެއް އުފައްދަން މަޖުބޫރުވުމެވެ.
"މަސައްކަތްތެރިންނަށް ހަގީގަތުގައި މި ނުކުމެވެނީ ޕަވާއަކާ ދެކޮޅަށް. އެހެންވީމާ ހުންނާ ރެސްޓްރިކްޝަން،" އޭނާ ވިދާޅުވި އެވެ.
ޒިމްނާ ފާހަގަކުރެއްވި އެއް ކަމަކީ ސިޔާސަތުތަކާއި މަސައްކަތްތެރީން މާ ދުރުކޮށްފައި ބެހެއްޓުމެވެ. އޭގެ ސަބަބުން އުފެދޭ ސަގާފަތަކީ ކޮންމެ ވަޒީފާއެއްގައި ވެސް އުޅެން މަޖުބޫރުވުމެވެ. އެއާއެކީ، މުއްސަނދިންނާއި މަސައްކަތްތެރީންގެ ތަފާތު ދެ ފަންތިއެއްގެ މީހުން މުޖުތަމައުގައި އުފެދިގެން ދިއުމެވެ.
"އަހަރުމެންގެ ހަރަދުތައް ފޫނުބެއްދޭ ވަރުގެ އުޖޫރައެއްގައި މަސައްކަތްކުރުމަށް އަހަރުމެން ދިވެހިން ވެސް ބޭނުމެއް ނުވާނެ. އެކަމަކު މިހާރު މި ދަނީ މަޖުބޫރީ ހާލަތަށް. ދެކޮޅު ނުޖެހެންޏާ މަޖުބޫރުވާނެ ކޮންމެ ވެސް ވަޒީފާއަކަށް ދާން،" ޒިމްނާ ވިދާޅުވި އެވެ.
ޒިމްނާ ވިދާޅުވި ގޮތުގައި ކޮންމެ ވެސް ވަރެއްގެ އާމްދަނީއެއް ހޯދަން މަޖުބޫރުވާ ހާލަތަކީ ޔޫނިއަންތަކުގެ ބާރު ކެނޑިގެންދާ ހިސާބެވެ. މަސައްކަތްތެރިން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެން އުފެދޭ ބާރު އުފެދުމަށް ކުރިމަތިވާ ހުރަހެކެވެ. މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި، ބިޔަ ބާރުތަކުން ބޭނުންކުރާނެ އެވެ.
"މަޖުބޫރީ ހާލަތުގައި ތިބެގެން ޔުނިއަނައިޒްވާން މަސައްކަތްކުރާއިރު އެބަ އުފައްދާ ބިރު. ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު. ދެން އޭރަށް އެ މީހަކު ވެއްޓޭނެ ދޯ ސައިކޮލޮޖިކަލް ޓްރެޕްއަކަށް،" ޒިމްނާ ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން ކުރި މުޒާހަރާއެއްގައި އިސްކޮށް ތިބި މީހުންގެ ލައިސެންސް ހިފަހައްޓައި، ބަންދުކޮށް އެއިން ބައެއް މީހުންނަށް ދައުވާ ވެސް ކުރި އެވެ. ޓީޗަރުންގެ އިހުތިޖާޖެއް އުފެދުމުން، އޭގައި އިސްކޮށް ތިބި މީހުން ނިމިގެން ދިޔައީ ސަރުކާރުގެ އިސް މަގާމުތަކަށެވެ.
އެހެންކަމުން، ޒިމްނާ ވެސް ފާހަގަކުރެއްވި ގޮތުގައި މި އުފެދުނު ސަގާފަތަކީ މުއްސަނދިކަމާއި ވަސީލަތްތައް ކޮންޓްރޯލްކުރާ މަދު މީހުންނާއި ސަރުކާރުގެ ބާރުގަދަ ވުމެވެ. ސަރުކާރެއް ބަދަލުވެގެންދާއިރު، ޕާޓީ ބަދަލުުކުރާ މީހުންނަށް ބެލިއަސް ގިނަ މީހުން ބަދަލުވަނީ އޭރެއްގެ ސަރުކާރު ހިންގާ ޕާޓީއަށެވެ. ދަގަތްފާނު ބާރުހެން އެ ދަމަނީ ވަޒީފާއާ ދިމާއަށެވެ.
އެހެންކަމުން ޔުނިއަންތަކުގެ ބާރު އޮންނަނީ ގިނަ ބަޔަަކަށް ނުވިސްނި އެވެ. އަދި ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ޔުނިއަންތަކުގައި ހަރަކާތްތެރިވުމަށް މީހަކު ބަލާނީ ވެސް ވަގުތުން ވަގުތަށް ހައްލެއް ލިބޭތޯ އާއި އޭގައި ތިމަންނައަށް އޮތީ ކޮން ގޮތެއްތޯ އެވެ.
"އޭނާއަށް ނެތީއޭ ރާއްޖޭގައި މި ނޫން މޮޑެލްއެއް ފެނިފައި. ކިޔައިދިނަކަސް ތަސައްވުރެއް ނުކުރެވޭނެއެއްނު ނުފެންނަ، އިހުސާސް ނުކުރެވޭ ކަމެއް. ތަސައްވުރުކޮށްގެން ކިިހިނެއް ނުފެންނަ މަގަކުން ވަކި ހިނގާނީ ވެސް،" ޒިމްނާ ވިދާޅުވި އެވެ.
މީގެ ސަބަބުން ހަމައެކަނި ދަތިކޮށްފައިވަނީ ޔުނިއަންތަކާއި އިހުތިޖާޖުުކުރުމުގެ ހައްގަކަށް ނޫނެވެ. ހިޔާލުފާޅުކުރުމުގެ ހައްގު ވެސް ދަތިކޮށްލާފައި އެބަ ހުއްޓެވެ.
"ސޯޝަލް މީޑިއާގައި ވަޒީފާ ދޭ ފަރާތް ޕްރޮމޯޓްކުރަން މަޖުބޫރުކޮށްފައި މި އޮންނަނީ.އެއީ އަމިއްލަ ޕާސަނަލް ސްޕޭސް. އޭގައި ޝެއާކުރެވޭ އެއްޗަކުން ވެސް އެކި ލެވެލްގެ ސުވާލުކުރުންތައް އެބަ އަމާޒުވޭ،" ޒިމްނާ ވިދާޅުވި އެވެ.
ރަނގަޅު ވާހަކަ އެކެވެ. ޒިމްނާ ވެސް އެއްބަހެވެ. ޔޫނިއަންތައް ރާއްޖޭގައި އަދި މި ފެންނަނީ ބަލިކަށިކޮށެވެ. އަވަސް މުސްތަގުބަލެއްގައި ވަރުގަދަވާނެ ތަނެއް ވެސް ނުފެނެ އެވެ.
އެހެންވިއަސް ޒިމްނާއަށް މަސައްކަތްތެރިންގެ ހައްގުތައް ކަަށަވަރުކުރަން ކުރައްވާ މަސައްކަތުގައި އޭނާއަށް އަދިވެސް ފެންނަނީ ހައްލެއްގެ ގޮތުގައި ޔުނީއަންތަކެވެ. ދެން ހިނގަންވީ މަގަކީ، ޔުނީއަންތައް ވަރުގަދަކުރާނެ ގޮތެއް ހޯދައިގެން ހިނގަން އޮތް މަގެކެވެ.
ޒިމްނާ ވިދާޅުވީ ގިނަ ގައުމުތަކުގެ ސަރުކާރު ހިންގުން ރަނގަޅުވީ ސަރުކާރު ހިންގަން ތިބި މީހުން ރަނގަޅުވެގެން ނޫން ކަމަށެވެ. އަދި ހަމައެކަނި ސަރުކާރު ހިންގުން ރަނގަޅުކުރުމަށް މަޖުބޫރުވާނެ ގޮތަކަށް ގާނޫނީ އަދި ދުސްތޫރުގެ އޮނިގަނޑު އެކުލަވައިލެވިގެނެއް ނޫނެވެ. އެއީ އިހުތިޖާޖުތަކާއި ޕްރެޝަރުތަކުން ހޯދި ނަތީޖާއެކެވެ. އޭގެ އިސް ދައުރެއް އަދާކުރެވެން އޮތީ ޔޫނިއަންތަކަށެވެ.
"އިހުތިޖާޖުތަކާއި ދެބަސްވުންތަކާއި، ޕަވާތަކާ ކުރިމަތިލައިގެން އެތައް އަހަރެއްގެ މަސައްކަތަކުން އެ ގައުމުތަކުގައި ޔުނިއަންތަކާއި ސަރުކާރާ ދެމެދު އިޖުތިމާއީ ގުޅުމެއް އުފެދި، ސަރުކާރުގެ ހިންގުން ވަރުގަދަކުރަން ޕްރެޝަރުކޮށްގެން ކޮށްފައި ހުރީ،" ޒިމްނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކަނޑައަޅާފައި އޮތީ މިނިމަމް ވޭޖެކެވެ. ނުވަތަ އެންމެ ކުޑަ އުޖޫރައެކެވެ. އެއީ އަދި ލިވިން ވޭޖެއް ނޫނެވެ. ލިވިން ވޭޖަކީ ދިރިއުޅެވޭ ވަރަށް، އަސާސީ ޒަރޫރަތުތައް ފުއްދޭނެ އުޖޫރައެކެވެ. އެ ވަރުގެ އުޖޫރައެއް ގިނަ ބަޔަކަށް ހަގީގަތުގައި ނުލިބެ އެވެ.
އެ ކަން ހާސިލްވާން އޮތީ އެކި ގޮތްގޮތުން މަސައްކަތްކޮށްގެނެވެ. އެކި ސިޔާސަތުތަކަށް ވަކާލާތުކޮށްގެނެވެ. މާލޭން މިސާލު ނަންގަވަމުން ޒިމްނާ ވިދާޅުވީ މި ތަނުގައި ކުލި ބޮޑުވުމުގެ ސަބަބުން ލިވިން ވޭޖަކީ ގޭބިސީއަކަށް 60،000ރ. އެވެ. އެހެންވެ ވަށައިގެން ހުރި ސިޔާސަތުތަަކަށް ބަސް ބުނަން ޔުނިއަންތަކުން ތެދުވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރޭގައި ލާމަރުކަޒު ކުރުމުގެ ސިޔާސަތާއި، މާލެއަށް ކުރިމަތިވެފައިވާ ގެދޮރުގެ ކާރިސާއިން އަރައިގަތުމަށް އިޖުތިމާއީ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ވަޒީފާގެ އިތުރުން ވެސް އާމްދަނީ ހޯދޭނެ މަގުތައް ދައްކައިދެވޭނެ ސިޔާސަތުތަކަށް އަޑުއުފުލަން ޖެހޭކަން ޒިމްނާ ވިދާޅުވި އެވެ.
މި ކަންކަމަށް އަޑުއުފުލައި ވަކާލާތުކުރެވޭނީ މަސައްކަތްތެރިން އެކަތިގަނޑެއްގެ ގޮތުގައި ތިބެގެނެވެ. އެއީ މި ބުނާ ޔުނިއަންތަކެވެ. އެއިން ތަނަކުން މީހަކު ދިޔައަސް ޔުނިއަން ދެމިއޮންނާނެ ގޮތަކަށް ޔުނިއަންތަކުގެ އޮނިގަނޑު ވެސް ވަރުގަދަކޮށްގެނެވެ.
"ދެން ޔުނިއަން ނޫން ހައްލެއް ވެސް މި ކަމުގައި ނުފެނޭ،" ޒިމްނާ ވިދާޅުވި އެވެ.
އެއްބަސްވެ ދެބަސްވަމާ: ހައްގު ހޯދަން މަސައްކަތްތެރީން ކުރިމަތިލަނީ އެންމެ ބިޔަ ބާރުތަކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ