ޚުތުބާގައި ބެލެނިވެރިންނަށް: 'ދަރިންގެ ކަންކަން ބަލައި، ނަފުސަށް ގެއްލުންދިނުމަކީ ހައްލެއް ނޫންކަން ބުނެދީ'

ދަރިންގެ ކަންކަން ގާތުން ބަލައި، ދިމާވާ ހާސްކަމާއި ކަންބޮޑުވުމަކުން އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ހައްލެއް ނޫންކަން ބުނެދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ބެލެނިވެރިންނަށް ގޮވާލައިފިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ޚުތުބާ ކިޔާފައިވަނީ ނަފުސާއި އަބުރަށް ރައްކާތެރިވުމުގެ މައްޗަށެވެ. މާތްﷲ އުފެއްދި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މާތްކުރެއްވިކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެކަލާނގެ ހުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް ހައްގަކާއި ނުލައި މެރުމަކީ ހަރާމް ކަމެއް ކަމަށެވެ. މި ގޮތުން، މާތް ﷲ މުޞީބާތްތައް ޖައްސަވަނީ އިންސާނާ އިމްތިޙާނުކުރުމަށް ކަމަށާއި އެ އިމްތިޙާނުން ފާސްވާނީ ކެތްތެރީން ކަމަށް ޚުތުބާގައި ބުންޏެވެ. މުޞީބާތް ޖެހުމުން ކެތްތެރިނުވެ، އަމިއްލަ ނަފުސަށް ގެއްލުންދިނުން ހުއްދަވާ އެއްވެސް ސަބަބެއް ނުވާކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ބަޔަކު ނަމާދުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އަހަރެމެންގެ ނަފުސަކީ އަހަރެމެން ބޭނުން ގޮތަކަށް އެއާމެދު ޢަމަލުކުރެވޭނޭ އެއްޗެއް ނޫނެވެ. އޭގެ ވެރިފަރާތަކީ މާތް ﷲއެވެ. ނަފުސަކީ އަމާނާތެކެވެ. އަމާނާތަށް ގެއްލުންދިނުން ޙަރާމްވެގެން ވެއެވެ،" ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި އިސްލާމްދީނުގައި މީސްތަކުންގެ ފުރާނައާ އެއްވަރަށް އެބައިމީހުންގެ އަބުރު ވެސް ޙުރުމަތްތެރިވާ ކަމަށެވެ. އެހެންވެ، ހަނގާކޮށް، ހުތުރު ނަންތަކުން ގޮވައި، މަލާމާތްކޮށް އުޅުން އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. މީގެ އިތުރުން، މިއަދުގެ ޚުތުބާގައި ވަނީ މިއަދުގެ މުޖުތަމައުގައި ހިނގާ ނޭދޭވޭ ކަމަކަށް ވެސް އަލިއަޅުވާލާފައެވެ. މިގޮތުން، ގަނާކުރުމަކީ މިއަދު ފެތުރެމުން އަންނަ ވަބާއެއް ކަމަށާއި އޭގެ ސަބަބުން މަރުވާ މީހުންނާއި ކުޑަކުދީންގެ ޢަދަދު އިތުރުވަމުން އަންނަކަން ޚުތުބާގައި ފާހަގަކުރިއެވެ. މީހަކަށް ޖިސްމާނީ ނުވަތަ ނަފުސާނީ އަނިޔާއެއް ދިނުމަކީ ބޮޑުވެގެންވާ ފާފައެއްކަން ހަނދާންކޮށްދީ، ޚުތުބާގައި ބުނީ އެއީ ނަރަކަވަންތަވެރިއަކަށް ވެދާނޭ ކަމެއް ކަމަށެވެ. ކުޑަކުދިންނާ ގުޅޭ ޕޯސްޓަރުތަކެއް ކައިރިން ބަޔަކު ހިނގައިފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "މުސްލިމް އަޚުންނޭވެ! މިއަދު ގަނާގެ ޝިކާރައަށް ވެފައިވަނީ ކިތައްކިތައް މީހުން ހެއްޔެވެ! ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި، މުދައްރިސުންނާއި ރައްޓެހީންގެ ގާތުގައި އެ ވާހަކަ ބުނާން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭހެއްޔެވެ," ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ދަރިވަރުންނަށް ވަނީ ނަސޭހަތްތަކެއް ދީފައެވެ. އެގޮތުން، ކުރިމަތިވާ ގޮންޖެހުންތަކަށް ޖެހިލުންވެ، ހިމޭންނުވުމަށް ޚުތުބާގައި ގޮވާލިއެވެ. ކުދިންނަށް ގޯނާ ކުރާ ބައެއް މީހުން އެ ކަން ކުރަނީ ފަރުދާވެ ތިބެކަން ފާހަގަކޮށް ޚުތުބާގައި ހަނދާންކޮށްދިނީ އެ މީހުންނަކީ ކޮން ބައެއްކަން ނޭނގި ރައްޓެހިނުވުމަށެވެ. ދީނުގެ އިމުގައި ތިބެ، އެ މީހުންނާއި ވާހަކަދެއްކުމަށާއި ފަލީހަތްވެދާނެ ޒާތީ މައުލޫމާތެއް ހާމަނުކުރުމަށް ދަރިވަރުންނަށް ޚުތުބާގައި ވަސިއްޔަތްކުރިއެވެ. "ބެލެނިވެރީން ދަރީންގެ ކަންކަން ގާތުން ބަލާށެވެ! ކެހިވެރީންގެ ނުބައި ރޭވުންތަކުން ރެކޭނޭ މަގުތައް ބުނެދޭށެވެ! ދިމާވާ ހާސްކަމަކާއި ކަންބޮޑުވުމަކާ ގުޅިގެން ވިއަސް އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ އޭގެ ޙައްލުނޫންކަން ބުނެދޭށެވެ! ދީނީގޮތުން އެ ކަންކަން އޮތް ގޮތް ބުނެދޭށެވެ," ޚުތުބާގައި ގޮވާލިއެވެ. އެއާއެކު، ދަރިވަރުންނަށް ކުރިމަތިވާ ކަންކަމުގައި އެ ކުދީންނާ އެކު މުދައްރިސުން ވާނެކަމުގެ ޔަގީންކަން ދިނުމަށާއި މުނާސަބު ވަގުތުގައި އެ ކުދިންނަށް އެކަށީގެންވާ އިރުޝާދު ދިނުމަށް މުދައްރިސުންނަށް ވަސިއްޔަތްކުރިއެވެ. ގަނާ ކުރުމާއި އިންސާނީ ވަގުފާރިއާއި ސައިބާ ކްރައިމްގައި ހަރަކާތްތެރިވާ މީހުން ދެނެގަނެ، ގާނޫނުގެ ތެރެއިން އެ ކަންކަން ހުއްޓުވުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ޚުތުބާގައި ގޮވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ