ބުލީކުރުން: އިޖުތިމާޢީ ޒިންމާއެއް ކަމަށް ދެކި ހުއްޓުވަންޖެހޭ

ހަނގާ ކުރުމަކީ، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައި އޮތް ނުރަނގަޅު އަދި އޭގެ އަސަރު އުމުރު ދުވަހަށް ދެމިގެންދާ ނުރަނގަޅު އާދައެކެވެ. މަޖަލަކަށް ހަދާ ކުރެވޭ ކަމަކުން އެދެވެނީ ކިހާވަރެއްގެ އަނިޔާއެއްކަން ގިނަ ފަހަރަށް އިހްސާސްވެސް ނުވެއެވެ. މިކަން ކަންބޮޑު ވާންޖެހޭ ދަރަޖައެއްގައި އޮތްއިރު، މިކަން ހުއްޓުވުމަށް ސަރުކާރުން ވަނީ އިސްނަގާފައެވެ.
ހަނގާކުރުން ނުވަތަ ބުލީ ކުރުމަކީ، އެއްވެސް މީހަކު އެކަން އެގޮތަށް ކުރަނީ ކަމަށް ބުނެ، ކުރާ ކަމެއް ނޫނެވެ. ގަސްތުގައި އަނިޔާވެރިވާ ހާލަތެއް ނާންނަނީއެއް ނޫނެވެ. ނަމަވެސް އާންމުކޮށް އެކަން ކުރާ މީހާއަށްވެސް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ޖަހާ ސަކަރާތެއްގެ ތެރެއިން މަޖަލަކަށް ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް އެއްވެސް މީހަކަށް ތަކުރާރުކޮށް ދެރައަށް ދިނުމަށް ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ދިނުމަށް ކަމެއް ކުރާނަމަ އެކަން ވާނީ ބުލީ ކުރުމަށް ކަމަށް ކަމާއި ބެހޭ މާހިރުން ވިދާޅުވެއެވެ.
މިއީ، ހަމައެކަނީ ޖިސްމާނީ ގޮތުން ނުވަތަ އެމީހާގެ ކުރިމަތީގައި ކުރެވޭ އަނިޔާއެއް ނޫނެވެ. މިފަހަކަށް އައިސް މީސްމީޑިއާގައި ތަފާތު އެކި ފޮޓޯތަކާއި، ލިއުންތަކާއި، މަލާމާތް ރައްދުވާ ގޮތަށް ޝާއިއުކޮށް ދަނީ އާންމު ކުރަމުންނެވެ. އަދި ނޭނގި ނަމަވެސް ނުވަތަ އެނގިގެން ނަމަވެސް އެކަމުގައި ޝާމިލްވެވި ބުލީ ކުރުމުގައި އޮންނަނީ ބައިބައި ވެފައެވެ. މިކަމުގެ ސަބަބުން އެމީހެއްގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ވަރަށް ބޮޑަށް މުޖްތަމަޢު ތެރެއިން އެކުއްޖާ އެކަހެރިވެ ގަތުމަށް މަގު ހުޅުވިގެންދެއެވެ. އަދި ކަން ނިމިގެންދަނީ، މުޅި މުޖުތަމަޢުވެސް ހިތާމަކުރަން ޖެހޭ ހާލަތަކަށް ގޮސްގެންނެވެ.
މިފަދަ ބައެއް ކަންކަން ފެންމަތިވުމާއެކު ސަރުކާރުން ވަނީ، މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާ ބުލީ ކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މިހާރުވެސް ޤާނޫނުލް އުޤޫބާތުގެ ތެރެއިން އޮންލައިންކޮށް ކުރެވޭ މިފަދަ ޢަމަލުތަކަކީ، ކުށެއް ކަމަށް ވަނީ ހަދާފައެވެ. ނަމަވެސް ސަރުކާރުން ބުލީ ކުރުން ހުއްޓުވުމުގެ ހާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ބަންޑާރަ ނައިބުގެ އޮފީހުން މި މަސައްކަތް ކުރަމުންދާއިރު، މި ޤާނޫނުގެ ތެރެއިން ބުލީ ކުރުމުގެ ޢަމަލަކީ ކޮބާ ކަމާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާއި އަދަބުތައް ބަޔާން ކުރާނެއެވެ.
އަދި އެކި މާހައުލުތަކުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް، އެކި ފަރާތްތަކުގެ ޒިންމާތަކާއި، ތަޢުލީމު ދޭ މަރުކަޒުތަކާއި، އެހެނިހެން ތަންތަނުގައި މިކަމަށް ހޭލުންތެރި ކުރުވުމަށާއި، ހުއްޓުވުމަށް ކުރަން ޖެހޭނެ ކަންކަން ބަޔާން ކުރުމަކީ ސަރުކާރުގެ މަޤްޞަދެކެވެ. ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ޤާނޫނު އެކުލަވާލެވޭނީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއަށްވެސް ބެލުމަށްފަހު ކަމަށެވެ.
"މިމަސައްކަތް މި ފެށީ، އަޅުގަނޑު ހިތުން ޤައުމުގައި މިމައްސަލައަށް ވަށާޖެހޭ ހައްލެއް ގެންނަން މަސައްކަތް ކުރަން. އެހެންވީމަ އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން. މިއީ އެންމެ ބައެއްގެ ކަމެއް ނޫން. ހުރިހާ ފަރާތްތަކުން އެކުވެގެން އެއް ރޫހެއްގައި އެއް ނިޔަތެއްގައި މަސައްކަތް ކުރުން މިކަމުގައި ނަތީޖާ ނެރެވޭނެ ގޮތަކަށް އޮންނާނީ. އެހެންވީމަ އެއްވެސް މީހަކު ބޭނުމެއް ނުވޭ. އެއްވެސް މީހަކަށް ބުލީ ކުރުމުގެ ޢަމަލެއް ކުރިމަތި ކުރުވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބުލީ ކުރުމުގެ ޢަމަލު ހުއްޓުވުމަށް އެންމެ ބޮޑު ބާރަކަށް ވެގެންދާނީ، ވަކި ޤާނޫނެއް އޮތުން އެކަންޏެއް ނޫނެވެ. އިޖުތިމާޢީ ބަދަލެއް އަންނަން ޖެހެއެވެ. ބުލީގެ ޝިކާރައަށް ކުއްޖަކު ނުވަތަ މީހަކު ވާއިރު، ބަލަން ނުތިބެ އެކަން ހުއްޓުވުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. ޕީއެސްއެމް ކޮމާކޯޅި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސީއެޗްއެސްސީގެ ސީނައަރ ކައުންސެލަރ ފާތިމަތު ނަތާޝާ ވިދާޅުވީ، މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބެލެނިވެރިން ދަރިންނަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދީ އެކަމާއި ދެކޮޅަށް ތެދުވުމަށް ދަސްކޮށްދިނުން މުހިންމު ކަމަށެވެ. އަދި އެހީތެރިކަން ހޯދުމަށް ކުރެވޭ ކަންކަން ދަސްކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ފަހަރަށް ކުއްޖާއަށް މިކަހަލަ ކަމެއް ދިމާވާއިރު ވަށައިގެން މާހައުލުގައި އެބަތިބޭ މިކަން ފެންނަ މީހުން، ބުލީންގެ ޓާމްސްގައި މިކިޔަނީ ބައި ސްޓޭންޑާސް. ބައި ސްޓޭންޑާސްއަކީ، އެތަން ވިޓްނަސް ކުރަން ތިބޭ މީހުން. ވަރަށް ގިނަ ފަހަރު އެމީހުންގެ ފަރާތުން އެހީތެރިކަން ނުލިބި ދާތަން އެބަދޭ. އެމީހުންވެސް ބައެއް ފަހަރު އިންވޯލްވާތަން ފެނޭ. އަސްލު ކޮންމެ މީހެއްގެ ޒިންމާއެއް އެފަދަ ޢަމަލެއް ފެންނައިރު އަނެއް މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން " ނަތާޝާ ވިދާޅުވިއެވެ.
ބުލީ ކުރުމުގެ މައްސަލަ ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް އޮތްއިރު، މިމައްސަލަ ހައްލު ކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ދަރީންނަކީ، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ބޮޑުވާ ދަރިންތަކެއްކަން އަމިއްލައަށް ޔަޤީން ކުރަން ޖެހެއެވެ. އެހިސާބުން އެއްވެސް މީހަކަށް އަނިޔާވެރި ވުމަށް ނުވަތަ ދެރައެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާނެއެވެ. މިކަމުން އެފަދަ ޢަމަލުތައް މަދުވެގެންދާނެ ކަމީ ފެންނަން އޮތް ހަޤީޤަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ