އެއްވެސް އިރަކު ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެއިން ލިބޭކަށް ނުހުރޭ: ނާޒިމް އެއްވެސް އިރަކު ބޭނުންވާ ހުރިހާ ބޭހެއް ރާއްޖެއިން ލިބޭކަށް ނުހުރޭ: ނާޒިމް

ރާއްޖޭއިން ބޭސް ލިބުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވަނިކޮށް، ރާއްޖެއިން އެއްވެސް އިރަކު ބޭނުންވާ ހުރިހާ ބޭހެއް ނުލިބޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ އެސްއެސްޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ބޭހުގެ ދަތިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކުމުން ޕްރިސްކްރައިބް ކުރާ ބޭސް ނުލިބޭ ނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އަބަދުވެސް ރާއްޖޭގައި ހުރިހާ ބޭހެއް ލިބެން ހުރެއެކޭ އަޅުގަނޑަކަށް ނުދެންނެވޭ. އިނގޭތޯ. އެއްވެސް އިރެއްގަ. ބޭހަކީ ރާއްޖެއަށް ބޭރުން އެތެރެކުރާ އެއްޗެއް. ބޭހަކީ އެތައް ހާސް ވައްތަރެއްގެ އެތައް ހާސް ބްރޭންޑެއްގެ. އެއް ޖެނެރިކް ބޭހެއްގެ އެތައް ބްރޭންޑެއް ހިމެނޭ ކަމެއް. ވަކި ސްޕެސިފިކް ބްރޭންޑެއް ލިޔެފިއްޔާ އެ ބްރޭންޑެއް ވެސް ރާއްޖެއިން ނުލިބިދާނެ،" ނާޒިމް ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ އެންމެ ބޮޑު މަސައްކަތަކީ އެސްޓީއޯ މެދުވެރިކޮށް ގެންނަ ބޭހުގެ އަދަދު އިތުރުކުރުން ކަމަށް ނާޒިމް ރޭ ވިދާޅުވި އެވެ. ކުރިން ނުގެންނަ ޖެނެރިކް އެތައް ސަތޭކަ ވައްތަރެއްގެ ބޭސް އެސްޓީއޯ އިން އަލަށް ގެންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަނެއް ކަމަކަށް އަޅުގަނޑުމެން ކުރަމުންދާ ކަމަކީ ޓްރީޓްމަންޓް ގައިޑްލައިން. ދުނިޔޭގެ ބެސްޓް ޕްރެކްޓިސެސް އާ އެއްގޮތަށް ގައިޑްލައިންތައް އެކުލަވާލާ. އެ ޓްރީޓްމަންޓް ގައިޑްލައިންތަކުގަ އޮންނާނެ އެކި މަރުހަލާތަކުގަ ބޭސްފަރުވަ ކުރުމުގަ ޑޮކްޓަރުން އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތާއި އުސޫލުތައް،" ނާޒިމް ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ޑޮކްޓަރުން ވަކި ބްރޭންޑުތަކުގެ ބޭސް ލިޔުމުގެ ބަދަލުގައި ޖެނެރިކް ޓާމްސް އިން ބޭސް ސިޓީ ލިޔާނެ ކަމަށާއި އޭގެ ސަބަބުން ބޭސް ނުލިބޭ މައްސަލައަށް ހައްލު ލިބޭނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ސަބަބުން ބޭހުގެ މައްސަލައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި މިހާރު އުފައްދާފައިވާ ބޭސް ކުންފުނީގެ ކަންކަން ހަމައަކަށް އެޅި މަސައްކަތް ފެށުމުން އިތުރަށް މި މައްސަލަ ހައްލުވާނެ ކަމަށް ވެސް ނާޒިމް ރޭ ވިދާޅުވި އެވެ.
އޭނާ މިފަދައިން ވާހަކަދެއްކެވިއިރު، ބޭސް ނުލިބޭ މައްސަލަ ބޮޑުވެ ބޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ އެދިފަ އެވެ.
މިވަގުތު ޗުއްޓީގައި އޮތް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުވި ސިޓީއެއްގައި ކުޑޫ ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
"ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާދައްޗެއް ނުވޭ،" ކުޑޫގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކުޑޫ އެދުނީ އެ ދެ އިދާރާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ. ކުޑޫގެ ސިޓީގައި ވަނީ ބައެއް ބާވާތްތަކުގެ ބޭސް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ