ހދ. ހަނިމާދޫއަށް އެ އަތޮޅު ހިރިމަރަދޫ މީހުން ބަދަލުކޮށް ނުނިމުނަސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާން ޖެހޭނީ ހަނިމާދޫ ކައުންސިލަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކަމަށް ކަނޑައަޅައި އެ ރަށުގެ ކައުންސިލް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުވާލައްވައިފި އެވެ.
ނުރަސްމީ ދަތުރެއްގައި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މުއިއްޒު މިއަދު ނެރުއްވި ގަރާރުގައި ވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން އެމަނިކުފާނު ރަސްމީކޮށް ނިންމަވާފައިވާ ކަމަށެވެ.
މި ގަރާރު ނެރުމުގެ ބޭނުމަކީ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އެ ރަށުގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާ މަރުހަލާގެ ތެރެއަށް ވަންނާތީ އެ ރަށުގެ ރައްޔިތުން އެ އިންތިހާބުގައި ވޯޓުލާން ޖެހޭނީ ހަމިނާދޫއަށް ކަމަށް ބެލުމަށް މަގުފަހިކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެގޮތުން އީސީއިން ވޯޓު ލެވޭ މީހުންގެ ލިސްޓު ހަދާއިރު ރަށެއްގެ ރައްޔިތެއް އެހެން ރަށަކަށް ބަދަލުވާ ހާލަތުގައި އެ ބައެއްގެ އިންތިހާބީ ދާއިރާ ކަމުގައި ކަނޑައަޅަން ވާނީ އަލަށް ބަދަލުކުރެވުނު ރަށް ކަމަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ހިރިމަރަދޫ އަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާނީ އެ ރަށުގެ މީހުން ހަނިމާދޫއަށް ބަދަލުކޮށް ނިމުމުން ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ސެޕްޓެމްބަރު، 2024، ގައި އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފަ އެވެ.
ނަމަވެސް އޭރު އެ ރަށުގެ ރައްޔިތުން ބޭނުންވީ ކ. ތުލުސްދޫއަށް ބަދަލުވާންށެވެ. ހަނިމާދޫ އަކީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވެގެން ސިޓީ ފޮނުވި ދެވަނަ ރަށެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ބޭނުންވާ ގެތައް އެޅުމުގެ މަޝްރޫއު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރީ އޮގަސްޓު 24، ގަ އެވެ. ނަމަވެސް، އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ހަނިމާދޫ އިން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.
އޭރު މުއިއްޒު ވިދާޅުވީ މުނިސިޕަލް މަސައްކަތް ހިމެނޭހެން މި މަސައްކަތް ނިންމައި 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނާއި ހަވާލުކުރެވޭނެ ކަމަށެވެ. ހިރިމަރަދޫގައި މިވަގުތު 150 އަށްވުރެ ގިނަ ގޯތި ދޫކޮށްފައި އެބަ އޮތެވެ.
އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހިރިމަރަދޫ ކައުންސިލް އުވާލައިފި އިންތިހާބު ބޯމަތިވެފައި ވަނިކޮށް ހިރިމަރަދޫ ކައުންސިލް އުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ