މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމްލަ އާމްދަނީ މަދު ނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް މި މަހު މުސާރަ ޖަމާވި އިރު ގިނަ މުވައްޒަފުންނަށް ލިބެމުން ދިޔަ ޖުމްލަ އާމްދަނީ ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަމަށް ވިދާޅުވެ، މާލޭ މޭޔަރު އާދަމް އާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ދަށުން ލިބޭ ފުރަތަމަ މުސާރަ މިހާރު ވަނީ ޖަމާވަން ފަށައިފަ އެވެ.
ތަފްސީލް - އާޒިމް މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ މި މަހުގެ މުސާރަ ޖަމާވި އިރު ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުން ދިޔަ ޖުމްލަ އާމްދަނީ ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށެވެ.
މުވައްޒަފުންގެ އާމްދަނީ އަކީ އެމީހުންގެ މުޅި ދިރިއުޅުން އޭގެ މައްޗަށް ބިނާވާ އެއްޗެއްކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ؛
ކުއްޔާއި ކެއިންބުއިމުގެ އިތުރުން، ބިލްތަކާއި ދަރިންގެ ޓީއުޝަން ފީ އަދި ލޯނާއި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރަ އިން
މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލާ، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް
މިއީ މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުން ދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް
އާޒިމް ވިދާޅުވީ 250،000 މީހުންނަށް ހިދުމަތް ދިނުމުގައި އަބަދު ވެސް ބުރަކޮށް އުޅޭ މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ސިވިލް ސާވިސްގެ އެހެނިހެން މުވައްޒަފުންނަކީ ވަރަށް ކުޑަ މުސާއަރައަކަށް ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށެވެ.
"އެ މުވައްޒަފުންނަށް ލިބެމުން ދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން. މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަން." އާޒިމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
މާލޭ މޭޔަރު ވިދާޅުވީ ރޯދަ މަސް ގާތްވެފައި އޮއްވާ މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށެވެ.
ފާހަގަ ކުރެވޭ - މުސާރަ އަށް ގެނައި ބަދަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރުމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކުޑަވާ ބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތައާރަފުކޮށްފައިވާ 'މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު'އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ:
ޕޭ ފްރޭމްވޯކްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައި ވަނީ ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭ ގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުގެ ސަގާފަތެއް އާލާކުރުމަށް
މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ލިބޭގޮތަށް، ވޯކްލައިފް ބެލެންސެއް ގެނެސް ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހި ކުރުމަށް
އާ އޮނިގަނޑާ އެކު ޖުމްލަ މުސާރަ ކުޑަވި ކަމަށް ބުނެ އާޒިމްގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ