ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ރިޕޯޓުކުރުން އިތުރުވެއްޖެ، ނަމަވެސް ލަހުން ހުށަހަޅާތީ ދަތިވޭ: ފުލުހުން
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ ރިޕޯޓުކުރުން އިތުރު ނަމަވެސް، މައްސަލަތައް ލަހުން ރިޕޯޓުކުރާތީ ތަހުގީގުކުރަން ދަތި ކަމަށް ބުނެ، ލަސްނުކޮށް މައްސަލަ ހުށަހަޅަން ފުލުހުން އެދިއްޖެއެވެ. ރާއްޖެއަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ގިނަ ގައުމެއް ނަމަވެސް، އެފަދަ މައްސަލަަތައް ހިނގާ މިންވަރާ އަޅައިބަލާއިރު ރިޕޯޓު ކުރުން މަދުވުމުގެ ކަންބޮޑުވުން އޮވެއެވެ. އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކްރައިމް އެގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހަޅާ މިންވަރު އިތުރު ކަމަށާއި، ނަމަވެސް އެފަދަ މައްސަލަތައް ހުށަހެޅުން ލަސްކަން ފާހަގަވާ ކަމަށެވެ. "އަޅުގަނޑުމެންގެ އިލްތިމާސަކީ އެފަދަ މައްސަލައެއް އެނގޭ ހިސާބުން އަޅުގަނޑުމެންނާ ހަމައަށް އަވަހަށް ރިޕޯޓުކޮށްދެއްވާށޭ، އެއީ ވަގުތު ފާއިތުވުމުގެ ކުރިން އަޅުގަނޑުމެންނަށްވެސް ފިޔަވަޅު އެޅިގެން މި ދަނީ އެ މައްސަލަތައް އަޅުގަނޑުމެންނަށް ރިޕޯޓުކުރެވިގެން ކަމަށްވާތީ،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުން ހިއްސާކުރާ އެކި މައުލޫމާތުތަކުގެ އަލީގައި، ކުޑަކުދިން ގްރޫމްކުރުމުގެ ކުށް މަދުކުރުމަށްޓަކައި ފުލުހުން އޮޕަރޭޝަންތަކެއް ހިންގާ ކަމަށެވެ. މިހާރުވެސް ކުޑަކުދިން ގްރޫމްކުރުމާ ގުޅޭ ދިހަ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ކްރައިމް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހެޑު ސުޕްރިންޓެންޑެންޓު މުޙައްމަދު ޝަރީފް: ވިދާޅުވީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުށަހެޅުން ލަސްކަމަށް، މައްސަލަތައް އަވަހަށް ހުށަހަޅަން އިލްތިމާސްކުރެއްވި --- ފޮޓޯ: ފުލުހުން ވަރަށް ފަހުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިފަދަ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކުރި ކަމަށް ޝަރީފް ވިދާޅުވިނަމަވެސް، އިތުރު ތަފުސީލެއް ހިއްސާނުކުރައްވައެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އިތުރުން، ގެވެށި އަނިޔާއާއި ބްލެކްމެއިލްކުރުމުގެ މައްސަލަތައް ލަހުން ހުށަހަޅާތީ މައްސަލަތައް ބެލުމަށް ދަތިވާ ކަމަށެވެ. އަދި ބައެއް މައްސަލަ އަނބުރާ ގެންދާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ. "ވަރަށް ބޮޑަށް ބްލެކްމެއިލްވެގެން ވަރަށް ގިނަ ފަރާތްތައް މައްސަލަ ހުށަހަޅަން އައީމަ އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ އެއް ދުވަހަކު ދެ ދުވަހަކު ހިނގާފައިވާ ކަމެއްނޫންކަން، އެހެންވީމާ އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ ރިޕޯޓު އަވަހަށް ކުރުމުގެ ނަތީޖާއޭ މީގަ ރަނގަޅީ، ފަހުން ރިޕޯޓުކުރާ ހާލަތްތަކުގައި އަޅުގަނޑުމެންނަށް މިކަމުގަ ރިކަވާއަކަށް ދާ ކަމުގައި ވަނީ ނަމަ އުނދަގޫ ކަންތައްތަކެއް ދިމާވޭ،" އޭނާ ވިދާޅުވިއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ޖިންސީ އެކި ކުށުގެ 266 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ގެވެށި އަނިޔާގެ 298 މައްސަލައެއް ވެސް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ