ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ގޭންގު ކަނޑައަޅަން މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޭންގު ކުށްތަކުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހައްޔަރުގައި ތިބީ ދެ މީހުންނެވެ.
މީގެ އިތުރުން މި ގާނޫނުގެ ދަށުން:
2 މައްސަލައެއް ދައުވާކުރަން ފޮނުވާފައިވޭ
6 ތަނެއް ބަލައި ފާސްކޮށްފައިވޭ
11 މީހަކު ހައްޔަރުކޮށްފައިވޭ
7 މައްސަލައެއް ހުށަހެޅި ތަހުގީގުކުރަމުންދޭ
ތަފްސީލް - ޖޮއިންޓް ކްރައިމް އިންވެސްޓްމަންޓުގެ އިސްވެރިޔާ އިސްހާގު އާދަމް އެ ބައްދަލުވުމުގައި ވިދާޅުވީ ގޭންގު ކަނޑައެޅުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ކުރަންޖެހޭ ކަންކަން އެ އޮފީހާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
"ގޭންގެއް ކަނޑައެޅުމަށްޓަކައި އެއް މައްސަލައެއް ވާނީ މިހާރު ޕީޖީއަށް ފޮނުވާފައި. އެ މަސައްކަތުގައި ޕީޖީ އޮފީހުން ލަފާދީފައިވާ ކަންކަން މިހާރު މިދަނީ ކުރަމުން. އަދި ގޭންގެއް ކަނޑައެޅުމަށް ޓަކައި ޝަރުތު ހަމަވާ ފަރާތްތައް މިހާރު މިދަނީ ބަލަމުން،" އިސްހާގު ވިދާޅުވި އެވެ.
މީގެ އިތުރުން، ގޭންގު ކުށްތަކުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން، ހުށަހެޅޭ މައްސަލަތައް "އިންތިހާ"އަށް މަދުވެފައިވާ ކަމަށް އިސްހާގު ވިދާޅުވި އެވެ.
އެނގުން މުހިންމު - ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ފަހުކޮޅު މަޖިލީހަށް ހުށަހަޅައި ފާސްކުރި 'ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު'އަށް މިދިޔަ އެގޮސްޓުގައި ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ހަދާފައިވާ މި ގާނޫނު އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވެސް ވަނީ ދީފަ އެވެ.
އެގޮތުން، ގޭންގު ލީޑަރުންނާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ވެސް ފުލުހުންނަށް ވަނީ ދީފަ އެވެ. އެކަމަކު، ގޭންގެއް ކަމަށް ކަނޑައެޅެނީ ކޯޓު މެދުވެރިކޮށެވެ.
ގޭންގެއް ކަނޑައަޅަން ޕީޖީއަށް މައްސަލައެއް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ