50 މެގަޕިކްސެލްގެ ކެމެރާއާއެކު ވަންޕްލަސް ނޯޑް 6 ވިއްކަން ފަށައިފި

ވަންޕްލަސް ކުންފުނީގެ އެންމެ ފަހުގެ ސްމާޓްފޯނު ކަމަށްވާ "ވަންޕްލަސް ނޯޑް 6" 9،000 އެމްއޭއެޗްގެ ބޮޑު ބެޓެރީއަކާއި 50 މެގަޕިކްސެލްގެ ކެމެރާއަކާއެކު އިންޑިއާގެ ބާޒާރަށް ނެރެ، ވިއްކަން ފަށައިފިއެވެ. މި ފޯނު މިހާރު އިންޑިއާގެ އެމެޒޯން އަދި ވަންޕްލަސް އިންޑިއާގެ އޮންލައިން ސްޓޯރުން ގަންނަން ލިބޭނެއެވެ. މި ފޯނު ދެ މޮޑެލްއަކުން ލިބެން ހުރެއެވެ. އެގޮތުން 8ޖީބީ ރޭމް އަދި 256ޖީބީ ސްޓޯރޭޖް ހިމެނޭ މޮޑެލްގެ އަގަކީ 38،999 ރުޕީސް (ގާތްގަނޑަކަށް 7،215 ދިވެހި ރުފިޔާ) އެވެ. އަދި 12ޖީބީ ރޭމް އަދި 256ޖީބީ ސްޓޯރޭޖްގެ މޮޑެލްގެ އަގަކީ 41،999 ރުޕީސް (ގާތްގަނޑަކަށް 7،770 ދިވެހި ރުފިޔާ) އެވެ. އެޗްޑީއެފްސީ އަދި އެކްސިސް ބޭންކުގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ގަންނަ ފަރާތްތަކަށް 3،000 ރުޕީސް (ގާތްގަނޑަކަށް 555 ދިވެހި ރުފިޔާ) އާ ހަމައަށް އިންސްޓަންޓް ޑިސްކައުންޓެއް ލިބޭނެއެވެ. އަދި އިންޓަރެސްޓަކާ ނުލައި 6 މަސްދުވަހަށް ބަހާލައިގެން ފައިސާ ދައްކާގޮތަށް (އީއެމްއައި) ވެސް މި ފޯނު ގަނެވޭނެއެވެ. މިފޯނު ތިން ކުލައަކުން ލިބޭނެ --- ފްރެޝް މިންޓް، ޕިޗް ބްލެކް، އަދި ކުއިކް ސިލްވާ ކުލައިން ލިބެން ހުންނަ މި ފޯނުގައި 6.78 އިންޗީގެ 1.5ކޭ އެމޯލެޑް ޑިސްޕްލޭއެއް ހިމެނެއެވެ. މި ޑިސްޕްލޭގެ ރިފްރެޝް ރޭޓަކީ 165ހާޓްޒްއެވެ. އަދި ޕީކް ބްރައިޓްނެސް 3،600 ނިޓްސްއަށް އަރައެވެ. އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ އޮކްސިޖަންއޯއެސް 16 ގައި މަސައްކަތްކުރާ މި ފޯނަށް، ހަތަރު އަހަރުގެ އޯއެސް އަޕްޑޭޓް އަދި ހަ އަހަރުގެ ސެކިއުރިޓީ އަޕްޑޭޓް ދޭނެކަމަށް ވަންޕްލަސް އިން ބުނެއެވެ. މި ފޯނަށް ބާރުފޯރުކޮށްދެނީ ކުއަލްކޮމްގެ އެންމެ ފަހުގެ އޮކްޓާ-ކޯ ސްނެޕްޑްރެގަން 8އެސް ޖެން 4 ޗިޕްސެޓުންނެވެ. ހޫނުވުން ކުޑަކުރުމަށްޓަކައި މިފޯނުގައި ވޭޕާ ޗެމްބާ ކޫލިން ސިސްޓަމެއް ހިމަނާފައިވެއެވެ. މީގެ އިތުރުން، ހިރަފުހާއި ފެނުން ރައްކާތެރިކޮށްދިނުމަށް އައިޕީ66، އައިޕީ68، އައިޕީ69 އަދި އައިޕީ69ކޭ ރޭޓިންގްސް މި ފޯނަށް ލިބިފައިވެއެވެ. ފޯނުގެ ފަހަތުގައި ދެ ކެމެރާ ހިމެނޭއިރު، މައި ކެމެރާއަކީ އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަން (އޯއައިއެސް) އާއެކު އަންނަ ސޮނީ ސެންސަރުގެ 50 މެގަޕިކްސެލްގެ ކެމެރާއެކެވެ. މީގެ އިތުރުން 8 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއެއް ހިމެނެއެވެ. އަދި ސެލްފީއާއި ވީޑިއޯ ކޯލްތަކަށް ކުރިމަތީގައި 32 މެގަޕިކްސެލްގެ ކެމެރާއެއް ވަނީ ހިމަނާފައެވެ. މި ފޯނުން 4ކޭ/60 އެފްޕީއެސް ގައި ވީޑިއޯ ރެކޯޑު ކުރެވޭނެއެވެ. މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ މީގައި ހިމެނޭ 9،000 އެމްއޭއެޗްގެ ބޮޑު ބެޓެރީއެވެ. މި ބެޓެރީ ޗާޖުކުރުމަށް 80 ވޮޓްގެ ސްޕަވޫކް ފާސްޓް ޗާޖިން ސަޕޯޓުކުރެއެވެ. އަދި 27 ވޮޓްގެ ވަޔާޑް ރިވާސް ޗާޖިން ވެސް މި ފޯނުގައި ހިމެނެއެވެ. ސެކިއުރިޓީއަށްޓަކައި އިން-ޑިސްޕްލޭ ފިންގަޕްރިންޓް ސެންސަރެއް ހިމެނޭއިރު، ފޯނުގެ ބަރުދަނަކީ 217 ގްރާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ