މަރާމާތުކުރުމުގެ މަސައްކަތައް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިއަދުން ފެށިގެން ރަސްފަންނު މަރާމާތުކުރުމަށް ބަންދުކޮށްފައިވާކަމަށެވެ.
މަރާމާތުގެ މަސައްކަތްތައް ހިނގާ މުއްދަތުގައި، އެ މަސައްކަތް ކުރިއަށް ގެންދާސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަމަށް އެވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރަސްފަންނަކީ މާލޭގައި ދިރިއުޅޭ މީހުން ހިތްހަމަޖައްސާލަން ވަރަށް ގިނައިން ދާ ސަރަހައްދެކެވެ. ކުޑަކުދިންނާއި އެނޫންވެސް އުމުރުފުރާތަކުގެ މީހުން މޫދަށް އެރުމަށާއި އެނޫންވެސް ބޭނުންތަކަށް މި ސަރަހައްދު ބޭނުންކުރެއެވެ.
ރަސްފަންނާއި ސަލްޓަންޕާކު މިހާރު އޮތް ޙާލަތާމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރައްވާ، އެ ދެ ތަންވެސް މިހާރަށްވުރެ ފުރިހަމައަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔައަހަރުގެ ފެބްރުއަރީމަހުގައެވެ.
އިމާރާތްކުރުމާއި ބެހޭ ވުޒާރާއިން ރަސްފަންނު ސަރަޙައްދަށް ބަދަލުތައް ގެނެސް ތަރައްޤީކުރުން، އެމްޓީސީސީއާއި އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްފައެވެ. އޭގެތެރޭގައި ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބައެއް ބަދަލުތައް ގެނެސް މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި ރަސްފަންނު ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއްގެ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނާބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
މަރާމާތުގެ މަސައްކަތަށް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ