ނަތަންޔާހޫގެ ޝަރީޢަތް އަލުން ފަށަނީ

ޔަހޫދީންގެ ޙަމަލާތަކުގެ ރައްދުގައި އިރާނުން ޔަހޫދީ ދައުލަތަށް ދެމުންދިޔަ ޙަމަލާތައް މެދުކަނޑައިލުމާއެކު ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާގެ ޝަރީޢަތްތައް އޭޕްރިލް މަހުގެ 12ވަނަ ދުވަހު އަނެއްކާ ވެސް ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާދީ ހަނގުރާމަ ފެށުމާއެކު އެ ޤައުމުން ވަނީ ރައްދުގައި ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން ޔަހޫދީ ދައުލަތަށް ވަރުގަދަ މިސައިލް ޙަމަލާތައް އަމާޒުވިއެވެ. އީރާނާއި އެމެރިކާއާ ދެމެދު ދެ ހަފްތާގެ މުއްދަތަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމްކުރުމާއެކު ޔަހޫދީ ދައުލަަތަށް އަމާޒުވަމުންދިޔަ ޙަމަލާތައް މިހާރު ވަނީ މަޑުޖެހިފައެވެ. އެއާއެކު، ޙަމަލާތައް ދެމުންދިޔަ އިރު ޔަހޫދީ ދައުލަތުގައި އިޢުލާނުކޮށްފައި އޮތް ކުއްލި ޙާލަތު މިހާރު ވަނީ އުވާލައިފައެވެ.
ޔަހޫދީ ކޯޓުތަކުން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ޙާލަަތު އުވާލައި، ޝަރުޢީ ނިޒާމު އަލުން މަސައްކަތްކުރަން ފަށާފައިވާތީ ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް ކޯޓުގެ އަޑުއެހުންތައް ތާވަލުކުރަމުން ދާނެ ކަމަށެވެ. އެ އަޑުއެހުންތައް ބާއްވާނީ ކޮންމެ ހަފްތާއެއްގެ ވެސް އާދީއްތަ ދުވަހާއި ބުދަ ދުވަހާ ދެމެދު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޖިނާޢީ ކުށެއްގެ ދައުވާ އެ މީހަކާ ދެކޮޅަށް އުފުލާފައިވާ ޔަހޫދީންގެ ފުރަތަމަ ބޮޑުވަޒީރަކީ ނަތަންޔާހޫއެވެ. 2019ވަނަ އަހަރުގެ ތެރޭގައި އޭނާގެ މައްޗަށް ރިޝްވަރު ދިނުމާއި، މަކަރާއި ހީލަތާއި، އިތުބާރު ގެއްލުވާލުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އެ މައްސަލަތަކުގެ ޝަރީޢަތް ފަށާފައި ވަނީ 2020ވަނަ އަހަރުގެ ތެރޭގައެވެ. ދައުވާތައް އުފުލިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އެ މައްސަލަތައް މިހާތަނަށް ބެލިފައި ނުވަނީ ރަސްމީ ޒިންމާ އަދާ ކުރުމަށް ނަތަންޔާހޫއަށް ވަގުތު ދިނުމުގެ ސަބަބުންނެވެ. ނަތަންޔާހޫއާ ދެކޮޅަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާއާ ދެކޮޅަށް ޖަލު ހުކުމެއް އިއްވުން ވަރަށް ގާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ