ހެކި ނެތްކަމަށް ބުނެ، އޮޅުވާލައިގެން މަނަދޫ ޠާރިޤް ޕީއެންސީއަށް ވެއްދި މައްސަލަ ފައިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤް، ވެރިކަންކުރާ ޕީއެންސީއަށް އޮޅުވައިލައިގެން ވެއްދި މައްސަލައިގައި އެއްވެސް އިތުރު ހެއްކެއް ނެތް ކަމަށް ބުނެ، މައްސަލަ ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުން ފުލުހުން އެ މައްސަލަ ފައިލްކޮށްފިއެވެ. އެމްޑީޕީ އުފެއްދީއްސުރެ އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ ޠާރިޤް، ޕީއެންސީއަށް ވަގަށް ވެއްދިކަމަށް ވިދާޅުވެ ފުލުހަށް މައްސަލަ ހުށަހެޅުއްވީ ޑިސެންބަރު 26، 2024ގައެވެ. އެ މައްސަލަ އޭނާ ހުށަހެޅުއްވީ، ޕީއެންސީއަށް ވެއްދުމަށް ހުށަހަޅާފައިވާ ފޯމު އިލެކްޝަންސް ކޮމިޝަނުން ހޯދުމަށްފަހު، އެ ފޯމާ ވެސް އެކުގައެވެ. https://sun.mv/201048 މައްސަލަ ހުށަހެޅުއްވިކަން ހާމަކުރައްވައި ޠާރިޤް 'އެކްސް'ގައި އޭރު ކުރެއްވި ޕޯސްޓެއްގައިވަނީ، އޭނާގެ ފޮޓޯނޫންކަން އެނގޭވަރު ތަފާތު އެހެން މީހެއްގެ ފޮޓޯ ޖަހައި، އޭނާގެ ސޮއިނޫން ތަފާތު ސޮޔެއް ކޮށް، މަންމަގެ މައުލޫމާތު ވެސް ނުބައިކޮށް ޖަހައި، ޕީއެންސީން ފޯމު ހުށަހެޅިކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އެ ފޯމު ބަލައިގަތީ އެއްވެސް ވަރަކަށް ބަލައިލުމެއް ނެތި ކަމަށް ލިޔުއްވައި، އެ މުއައްސަސާ ހިންގަނީ ޕީއެންސީންތޯ އޭރު އޭނާ ސުވާލު އުފެއްދެވިއެވެ. ޠާރިޤް މިއަދު ވަނީ، މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނިންމި ގޮތުގެ ބަޔާން އާންމުކުރައްވައިފައެވެ. ފުލުހުން މައްސަލަ ނިންމިގޮތުގެ ބަޔާނުގައިވަނީ، ޕްރޮސެކިއުޓަރު ޖެނެރަލުގެ އޮފީހުން ޠާރިޤްގެ މައްސަލަ އިތުރަށް ދިރާސާކޮށް ބެލިބެލުމުން، އެ މައްސަލައިގައި ޖިނާއީ ދައުވާކުރެވޭ މިންވަރަށް ހެއްކެއް، އަދި ގަރީނާއެއް ނެތް ކަމަށް ނިންމައި، އެ އިދާރާއިން ފުލުހަށް މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ. https://x.com/ManadhooThoriq/status/2042288325252563194 އެހެންވެ، އެ މައްސަލަ ފައިލްކުރަން ނިންމީކަމަށް، ފުލުހުންގެ ބަޔާނުގައިވެއެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އެ ޕާޓީން މީގެ ކުރިން ބުނެފައިވެއެވެ. އެމްޑީޕީގެ މެންބަރުން އޮޅުވައިލައިގެން ޕީއެންސީއަށް ވައްދަމުން އަންނަ ކަމަށް އެމްޑީޕީން އޭރު ތުހުމަތު ކުރިއެވެ. ނަމަވެސް ޕީއެންސީން ވަނީ ތަކުރާރުކޮށް އެކަން ދޮގުކޮށްފައެވެ. ޠާރިޤްގެ އިތުރުން، މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ)، އޭނާއަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024ގައި ޕީއެންސީން ވަނީ، އެ ޕާޓީއަށް އެހާތަނަށް 97،000 ފޯމު ލިބިފައިވާ ކަމަށާއި އެއް ލައްކަ ހަމަކުރާ ފުރަތަމަ ޕާޓީއަކަށް އެ ޕާޓީ ވާނެ ކަމަށް ބުނެފައެވެ. އެއީ ޕީއެންސީގެ އަމާޒެވެ. ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވެއްދުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ މުވައްޒަފުންތަކެއް އެ އިދާރާގެ ޑޭޓާބޭސްއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ނަގައި، އެ މައުލޫމާތާއި އައިޑީކާޑު ފޮޓޯ ބޭނުންކޮށްގެން ފޯމުތަކެއް ފުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުވެފައިވެއެވެ. އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން ހުށަހެޅި ނަމަވެސް، ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވިއިރު، ޕީއެންސީގައި އޭރު ކިރިޔާ 3،000 މެންބަރުން ހަމަނުވެއެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަ ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ