ބަލިވެ އެނދުމަތިވުމަކީ ނަމާދުނުކުރަން ހުއްދަލިބޭ ސަބަބަކަށް ހަދަން ހެޔޮނުވާނެ!

ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއްކަމަކީ ބަލިވެ އެނދުމަތިވުމުން ނަމާދުކުރުމެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. އިޞްލާޙްކުރަންޖެހިފައިވާ ކަމެކެވެ.  
މިހެން ބުނުމުން ބައަކު ހިތްހަމަނުޖެހުނު ނަމަވެސް ހޮސްޕިޓަލްތަކުގައި މަޑުކޮށްލަންޖެހޭ މީހަކު އެތަނުގައި ކަންކަން ހިނގާ ގޮތަށް ބެލުމުން މިއީ ޙަޤީޤަތްކަން ރަނގަޅަށް އެނގޭނެއެވެ. މަދުމީހަކު ނޫނީ އެޑްމިޓްކުރުމުން ނަމާދެއް ނުކުރެއެވެ. އަދި އެހީތެރިންގެ ގޮތުގައި ތިބޭ މީހުން އޭނާލައްވައި ނަމާދުކުރުވަން މަސައްކަތެއްވެސް ނުކުރެއެވެ.  
ބައެއް މީހުން ބުނަނީ ގެއަށް ދެވުމުން ޤަޞާކުރާނީ ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ބާޠިލް ވިސްނުމެކެވެ. ފަރުޟޫ ނަމާދުކުރުމަކީ ބަލިން ގަދަވުމުން ފުންޏަކަށް ކުރަން އޮތްކަމެއް ނޫނެވެ. ހަށީގައި ހޭހުރިނަމަ ނަމާދު އެޅުމެއް ނެތެވެ.  
ބަލިމީހާއަށް ވުޟޫނުކުރެވޭނަމަ އެހީތެރިން ވުޟޫކޮށްދޭށެވެ. އިސްތިރިކުރަން ބޭނުންކުރާ ފެން ސްޕްރޭކުރާ ފުޅިއަކުން ގުނަވަންތަކަށް ފެން ސްޕްރޭކޮށްލައި ތެތްކޮށްލައިގެންވެސް ބަލިޙާލުގައި އޮންނަ މީހަކަށް ވުޟޫކުރެވޭނެއެވެ. ބަލިމީހާ އޮތީ އަމިއްލައަށް އިސްތިންޖާވެސް ނުކުރެވޭނެ ޙާލަތުގައި ނޫންނަމަ އިސްތިންޖާކޮށްދޭށެވެ. އެންމެ ކުޑަމިނުން ހިތުން ނަމަވެސް ނަމާދުކުރަން ހިތްވަރުދީ އެކަން ކުރުވާށެވެ.  
ގިނަބައަކަށް ޤަބޫލުކުރެވެނީ ޝިފާ ލިބުން އޮތީ ބޭހުން ކަމަށެވެ. އެހެންވެ ކޮންމެ އަގެއްދީފައިވެސް ބޭސް ގަންނާނެއެވެ. ގަޑިން ގަޑިއަށް ބޭސްކާންވެސް ދޭނެއެވެ. ބޭސްކާންދެނީ ނަރުސްކުދިންކަމަށްވެފައި އެކުދިން ކިރިޔާ ލަސްވެލިނަމަވެސް ރުޅިއައިސް އެއްޗެތިވެސް ގޮވާނެއެވެ.  
މީސްތަކުންނޭވެ! ޝިފާލިބުން ވަނީ ބޭހަކު ނޫނެވެ. ބަލިފަސޭހަކުރުމުގެ ބާރު ލިބިގެންވަނީ ޑޮކްޓަރުންނަކަށް ނޫނެވެ. ޝިފާލިބުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭނީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށެވެ. އީމާންވުމަށްފަހު އެކަމަށް ކުރަން އޮތް ފުރަތަމަ ޢަމަލަކީވެސް ނަމާދުކުރުމެވެ.  
މިލިޔުމުގައިވާ ވީޑިއޯ ބައްލަވާލައްވާށެވެ! އިތުރު ހިތްވަރަކަށްވާނެއެވެ! އިން ޝާ ﷲ  
ގުޅުންހުރި ވީޑިއޯ:  
https://www.facebook.com/watch/?v=394921802311376
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ