ބޭނުންކުރީ މަޖާޒީ މިސާލު ބަހެއް، މައާފަށް އެދެން: ޝާހިދު
ކެމްޕޭން ޖަލްސާއެއްގައި ލޯފަން މީހުންނާ ގުޅުވައި ދެއްކުނު ވާހަކައަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން، އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ. ޝާހިދު މައާފަށް އެދިވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޑިސްއެބިލިޓީ ކައުންސިލުން އެކަން ކުށްވެރިކޮށްފައި ވަނިކޮށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވެފައިވަނީ، މިހާރު ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަކީ "ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް" ކަމަށެވެ. މި ވާހަކަފުޅާ ގުޅިގެން ޑިސްއެބިލިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މަލާމާތް ރައްދުވާ ބަހުރުވައަކުން ވާހަކަދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިކަމާ ގުޅިގެން ޝާހިދު މިއަދު ވިދާޅުވީ، އެ ޖަލްސާގައި ސަރުކާރުގެ އަމަލުތައް ސިފަކޮށްދިނުމަށް ބޭނުންކުރެއްވި ބަހަކީ ދިވެހިބަހުގެ މަޖާޒީ މިސާލު ބަހެއް ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރި ބަހެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ،" ޝާހިދު ވިދާޅުވިއެވެ. https://sun.mv/219866 މީގެ އިތުރުން ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ މިފަދަ ހުރިހާ ބަސްބަހެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ