ވޯލްޑް ކަޕުގައި މެސީ ކުޅޭނެ، ތަށި ދިފާއު ނުކުރެވިދާނެ: އާޖެންޓީނާ ކޯޗު

އެމެރިކާގައި އަންނަ ޖޫން މަހު ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކުޅޭނެ ކަމުގެ ޔަގީންކަން ފުރަތަމަ ފަހަރަށް ކޯޗު ލަޔޮނަލް ސްކަލޯނީ ދީފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ދިފާއީ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ އުމުރުން 39 އަހަރުގެ ފޯވަޑް މުބާރާތުގައި ކުޅެން ނިންމާފައިވާ ކަމަށެވެ.
"ޔަގީން. މެސީ ވޯލްޑް ކަޕް ކުޅޭނެ. އޭނާ ވަނީ އެގޮތަށް ނިންމާފައި. އެހެން ފަހަރުތަކެކޭ ވެސް އެއް ފަދައިން މެސީ އަނެއްކާ ވެސް ވޯލްޑް ކަޕުން ފެނިގެންދިއުމަކީ ވަރަށް ގިނަ ބަޔަކަށް ލިބޭނެ ހިތްހަމަ ޖެހުމެއް،" ކޯޗު ބުންޏެވެ.
ނަމަވެސް މީގެ ހަތަރު އަހަރު ކުރިން މެސީ އުފުލާލި ތަށި މި ފަހަރު އާޖެންޓީނާ އަށް ދިފާއު ނުކުރެވިދާނެ ކަމަށް ވެސް ކޯޗު ބުންޏެވެ.
"ސަބަބަކީ ވޯލްޑް ކަޕް ލިބުމުގެ ގާބިލްކަން ހުރި ޓީމުތައް ތިބުން. ކޮންމެވެސް ސަބަބަކާ ހުރެ މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރު ހުރެ އެކަން ނުކުރެވިތިބި ޓީމުތަކެއް އެބަތިބި. އަހަރެން ބުނާނީ މުބާރާތުގެ ތައްޓަށް 10ވަރަކަށް ޓީމު ވާދަކުރާނެއޭ. ވޯލްޑް ކަޕުގެ އެންމެ އުނދަގޫ ކަމަކީ ވެސް ތަށި ދިފާއު ކުރުން. އެހެންވީމާ އަހަރުމެންނަށް ޔަގީން ކަމެއް ނެތް އަބަދު މި ތަށި ހޯދޭނެ ކަމުގެ،" ކޯޗު ބުންޏެވެ.
1986 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އާޖެންޓީނާ ވޯލްޑް ކަޕް އުފުލާލީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްފަ އެވެ.
އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕް ފަށާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެވެ. މި ފަހަރުގެ މުބާރާތަކީ 48 ގައުމު ބައިވެރިކޮށްގެން ކުޅޭ ފުރަތަމަ މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ