ގާސިމްގެ ތާއީދު ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް

މަޝްހޫރު ވިޔަފާރިވެރިޔާ އަފި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމްގެ ތާއީދު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް އޮތްކަން ހާމަކުރައްވައިފި އެވެ.ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރިކޯޑުތަކެއް އޮތް ބޭފުޅެއް ކަމަށެވެ. ގާސިމް ވިދާޅުވީ ރާއްޖޭގެ ދިފާއުގައި ޖަލީލުވަނީ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި ޖަލީލަކީ ގައުމީ ޝަރަފް އަރުވާފައިވާ، ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއްކަމަށް ގާސިމް ވިދާޅުވި އެވެ.‏"އޭރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް. ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު. ފަސްބައިގައި ކިލަނބުކަމެއް ނެތް. އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއް،". ގާސިމް ވިދާޅުވެފައި ވެއެވެ.ގާސިމް ވަނީ ކަން މިހެން އޮތްއިރު، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން ވާކަމަށް ވިދާޅުވެފައެވެ.އެހެންކަމުން އޭނާ އެދެނީ، މާލެ ސިޓީގެ ހިންގުން މުރާލި ދުރުވިސްނޭ މާލިމީއަކަށް އުންމީދުކޮށްގެން ރައްޔިތުން ޖަލީލަށް ތާއީދުކުރައްވާ ވޯޓުދެއްވުމަށް އެދިފައެވެ.ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ