އަނެއް ދިވެހިރާއްޖެ އަށް މިސްރާބު ޖަހަން ޖެހިއްޖެ: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހެން "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.ޕީއެންއެފްގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ރައީސަކު ވިދާޅުވުމުން އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށާއި އެގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅަށް އަންނަނީ ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ."މިހާރު އަހަރެމެން އެބަ ޖެހެއޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ދެއްތޯ އަނެއް ދިވެހިރާއްޖެއަށް މިސްރާބުޖަހަން، ދިވެހިރާއްޖެ ހޯދަން،" ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކަންކަން ހައްލުކުރަން ބަރޯސާވަމުން އައީ ޝަރުއީ ނިޒާމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާއާއި، މިހާތަނަށް ކަންތައްތައް ދިޔަ ގޮތުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައި އޮތް ތަނެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވި އެވެ.ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން ނޫނެކޭ ބުނަން އެދިވަޑައިގެންފަ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، މާލެ ސިޓީގެ މެޖޯރިޓީ ގޮނޑިތަކާއި އެ ނޫން ވެސް ބާރުތައް ރައްޔިތުން ދިން ނަމަވެސް މިއަދާ ހަމައަށް ރައްޔިތުންނަށް ވި މޮޅެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް ފެށި ދުނިޔެ ކާރިސާއަކާ ކުރިމަތިލިއިރު ވެސް ގައުމަށް ދަތިނުވާ ކަމަށް ސަރުކާރުން ބުނަނީ އިންތިހާބަށްޓަކައި ކަމަށެވެ."މި ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެއްވެސް ކަހަލަ ހުރަހެއް، އެއްވެސް ކަހަލަ ނުރައްކަލެއް، ދައުލަތް ހިންގުމުގެ އެއްވެސް ކަހަލަ ބިރުވެރިކަމެއް، ދައުލަތް ނުހިންގިގެން ރައްޔިތުންނަށް ދަތިވެދާނެ އެއްވެސް ކަމެއް ނެތް ކަމަށް ދެއްކުމަށްޓަކައި މި ދައްކުވާހާ ވާހަކަ މިއީ،" ޔާމީން ވިދާޅުވި އެވެ.އެކަމަކު، އިންތިހާބު ނިމުމުން ސަރުކާރުން މިހާރު ދައްކާ ވާހަކަތައް މުޅިން ބަދަލުވާނެ ކަމަށް ވެސް ޔާމީން ތުހުމަތު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ