ކަޒަކިސްތާނުގައި ބަޔަކު ދެއްކި އޯގާތެރިކަން ފާހަގަކޮށް ހަނދާނީ ސްކަލްޕްޗާއެއް ބަހައްޓައިފި

އެއީ މީގެ 10 ވަރަކަށް އަހަރު ކުރިން ހިނގި ހާދިސާ އެކެވެ. ކަޒަކިސްތާނުގެ އަލްމާޓީ ސިޓީގެ ކޯރަކަށް 2016ގައި ކުއްތާއެއް ވެއްޓި ތާށިވި އެވެ. ކުއްތާ އޮތީ ދާނެ ދިމާއެއް ނޭނގިފައި، އޮޔާ ގެންގޮސްދާނެތީ ބިރުގެންފަ އެވެ. އެ މަންޒަރު ފެނުމުން، އެ ކުއްތާ ސަލާމަތް ކުރުމުގެ ގޮތުން ކަޒަކިސްތާނުގެ ޒުވާނަކު ޖެހިލުންކުޑަކޮށް ކޯރަށް ފުންމާލި އެވެ. އެކަމަކު އެ މީހާ ވެސް ތާށިވެ، ކޯރުން އެރޭނެ ގޮތެއް ނުވި އެވެ. އުލްކެން ކޯރުގެ ގަދަ އޮއިގަނޑާއި ވަށައިގެން ހުރި އުސް ފާރުތަކުގެ ސަބަބުން، އެހީއާ ނުލައި ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ.
ދެން އެ މަންޒަރު ފެނުނު މީހުން އަވަސްވެގަތީ އެ ކުއްތާ އާއި މީހާއަށް އެހީތެރިވާށެވެ. އެގޮތުން އަވަހަށް އެކަކު އަނެކަކުގެ އަތުގައި ހިފައި ޗޭނެއް ހަދައިގެން ކުއްތާ އާއި މީހާއާ ހަމައަށް ފޯރާތޯ މަސައްކަތް ކުރި އެވެ. ލަސްތަކެއް ނުވެ، އެ ޒުވާނާ އާއި ކުއްތާ ކާމިޔާބުކަމާ އެކު ސަލާމަތްކުރެވުނެވެ. 
އެ ހާދިސާ ހިނގި ވަގުތު މީހަކު އެ މަންޒަރުތައް ވީޑިއޯ ކުރި އެވެ. ދެން އެ ވީޑިއޯ ވައިރަލްވެ، އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލައިފައިވެ އެވެ. އިންޓަނެޓުގައި އަދިއަދަށް ދާންދެން ވެސް މިއީ މަޝްހޫރު ވީޑިއޯއެކެވެ. އެ މަންޒަރު ވެގެންދިޔައީ އިންސާނުންގެ އެއްބައިވަންތަކަމާއި ހަމްދަރުދީ އަދި އޯގާތެރިކަމާއި ހިތްވަރުގެ ލާމަސީލު ނަމޫނާ އަކަށެވެ.
އޭގެ 10 އަހަރު ފަހުން މި މަހު 18ގައި، އެ ކުއްތާ ސަލާމަތް ކުރި މީހުންގެ ހަނދާނުގައި އެ ކޯރުގައި ދަގަނޑު 'ސްކަލްޕްޗާ'އެއް ވަނީ ބަހައްޓައިފަ އެވެ. 
"މި އިންސްޓެލޭޝަންގެ ކޮންސެޕްޓް ބިނާވެފައި ވަނީ އެކަކު އަނެކަކަށް އެއްބާރުލުން ދިނުމާއި އެއްބައިވަންތަކަމުގެ މައްޗަށެވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދީގެން ކޮންމެ ގޮންޖެހުމަކުން ވެސް އަރައިގަނެވޭނެކަން ދައްކުވައިދޭ މަސައްކަތެކެވެ. މި ކޮމްޕޮޒިޝަންގައި ހިމެނެނީ ޗެއިންއެއްގައި ގުޅުވާލެވިފައިވާ މީހުންގެ ސިފަތަކެވެ. މިއީ އާންމުންގެ ހިތްތަކާ ގާތް މަންޒަރެއް ދައްކުވައިދޭ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ މަސައްކަތެކެވެ،" އަލްމާޓީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އަލްމާޓީގެ ސަރުކާރުން ބުނީ މިއީ އަމިއްލަ ފަރާތެއްގެ ހަރަދުގައި ހަދާފައިވާ ސްކަލްޕްޗާއެއް ކަމަށެވެ. ބައެއް ރިޕޯޓުތައް ބުނަނީ މި ސްކަލްޕްޗާގެ ފަހަތުގައިވަނީ ކަޒަކިސްތާނުގެ މަޝްހޫރު ކޮންޓެމްޕޮރެރީ އާޓިސްޓް ޔެރްބޮސިން މެލްޑިބެކޯވް ކަމަށާއި އެ މަސައްކަތަށް ހަރަދުކުރީ ައ ގައުމުގެ ފޯޓޭ ބޭންކުން ކަމަށެވެ.
މިކަހަލަ އިންސާނިއްޔަތުކަމުގެ ފުރިހަމަ މިސާލުތައް ދެން އަންނަން އޮތް ޖީލުތަކަށް ވެސް ދައްކައި ކިޔައިދޭން ބޭނުންކުރެވޭނެ އެއް ވަސީލަތަކީ އާޓް އެވެ.
ކޮންމެ ގައުމަކަށް ވެސް އަދި ރާއްޖެއަށް ވެސް އާޓިސްޓުންނާއި އުފެއްދުންތެރިންނާއި ފަންނުވެރިން މުހިއްމެވެ. އާޓްގެ ޒަރިއްޔާއިން މުހިއްމު އަދި އިބުރަތްތެރި ވާހަކަތައް ތަފާތު އަދި ޝައުގުވެރި ގޮތްގޮތަށް ދައްކައިދެވިދާނެ އެވެ. އޭގެ ސަބަބުން އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވުން އެކަށީގެންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ