ފްރާންސުން ބްރެޒިލް ބަލިކޮށްފި ފްރާންސުން ބްރެޒިލް ބަލިކޮށްފި

މަސުޗޫސުޓްސް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 27) - ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފްރާންސުން 2-1 އިން ބްރެޒިލް ބަލިކޮށްފި އެވެ.
މި މެޗުގެ ފަހުކޮޅުގައި ފްރާންސް އިން ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، 55 ވަނަ މިނިޓްގައި އެ ޓީމުގެ ޑަޔޫޓް އުޕަމެކާނޯ އަށް ރަތެއް ދެއްކުމުންނެވެ. އުޕަމެކާނޯ އަށް ރަތެއް ދެއްކީ ފްރާންސް 1-0 އިން ކުރީގައި އޮއްވަ އެވެ. ބްރެޒިލަށް ލަނޑެއް ޖެހުނީ ފްރާންސް އިން ދެ ލަނޑު ޖެހި ފަހުންނެވެ.
އެ ގޮތުން، ފްރާންސް އިން މެޗުގެ 32 ވަނަ މިނިޓްގައި ލީޑުނެގީ ކެޕްޓަން، ކީލިއަަން އެމްބާޕޭ ޖެހި ގޯލުންނެވެ. މިއީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ބްރެޒިލްގެ ކީޕަރު އެޑަސަން ކައިރިން ހަމަަޖެހިލައިފައި ގޯލަށް ބޯޅަ ވައްދާލައިގެން އެމްބާޕޭ ޖެހި ގޯލެކެވެ. ބަދަލަކަށް ކުޅެން އަރައި، މެޗުގެ 65 ވަނަ މިނިޓްގައި ފްރާންސްގެ ދެ ވަަނަ ލަނޑު ޖެހީ ހޫގޯ އެކިޓީކޭ އެވެ. މިއީ، މައިކަލް އޮލީސޭ ދިން ބޯޅައަކުން އެކިޓީކޭ ޖެހި ގޯލެކެވެ.
ބްރެޒިލުން މެޗުގައި ޖެހި ހަަމައެކަނި ލަނޑު ކާމިޔާބުކުރީ 78 ވަނަ މިނިޓްގައި ބްރެމާ އެވެ. އެއީ، ލުއިސް ހެންރީކޭ ދިން ބޯޅައަކުންނެވެ.
މި މެޗު ބަލަން، 66،215 ސަޕޯޓަރުން ޖިލެޓް ސްޓޭޑިއަމަށް ވަނެވެ. މިއީ، މި ދަނޑުގައި ފުޓްބޯޅަ މެޗެއް ބަލަން ދެ ވަނަ އަށް އެންމެ ގިނަ މީހުން ވަން ފަހަރެެވެ. އެންމެ ގިނައިން ވަނީ، 2007 ވަނަ އަހަރު ބްރެޒިލާއި މެކްސިކޯ ކުޅުނު އެކުވެރިކަމުގެ މެޗަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ