ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހިންގުމުގެ އެންމެހާ ކަންކަން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވާއިރު، ހައިކޯޓުންނާއި ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދަމަހައްޓާފައި ވަނިކޮށް، އެ ޕާޓީގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ކަމުގައިވާ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމުގެ ބަދަލުގައި، ކޯޓުތަކުގެ ހުކުމަށް ގޮންޖައްސަވައި ރައީސް މައުމޫން މިރޭ ބާއްވަން އުޅުއްވި ބައްދަލުވުމެއް ބޭއްވިޔަނުދީ ފުލުހުން އެމަނިކުފާނަށް ހުރަސް އަޅާފައިވާކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ގެންދެވީ ޕީޕީއެމްގެ އޮފީހަށް ވަޑައިގަތުމަށް ކާރުގައި ދަތުރުކުރައްވަމުންކަން އެނގިފައި ވަނިކޮށް، ދާދި ދެންމެއަކު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި އެ ޕާޓީގެ އޮފީހަށް އެމަނިކުފާނު ވަޑައިގަންނަވަން ވެގެން ކުރެއްވި މަސައްކަތަށް ސަލާމަތީ ބާރުތަކުން ހުރަސްއަޅާފައި ވާކަމަށެވެ.
ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުން ބޮޑު ހުޅުފަޅައިގެން ދިޔުމާއެކު ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި އިހުނަށްވުރެ ހާސްގުނަ އިތުރަށް ހަރަކާތްތެރިވަމުންނެވެ. އަދި، ޕާޓީގެ އެތެރޭގެ ކަންކަމުގައި އެފަރާތްތަކުން ދެކޭގޮތް ވަގުތުން ވަގުތަށް ޓްވިޓަރގައި ހިއްސާކުރައްވަމުންނެވެ.
އާންމުގޮތެއްގައި ނުހަނު މަޑުމައިތިރި ކަމަށް ފާހަގަކުރެވިފައިވާ ރައީސް މައުމޫން މިފަހަކަށް އައިސް ގެންދަވަނީ ދައުލަތުގެ މުއައްސަސާތަކަށް ގޮންޖައްސަވައި، ކޯޓުތަކުގެ ހުކުމްތަކަށް ބޯލެނބުމަށް އިދިކީލިހައްދަވަމުންކަން ފާހަގަކުރެވިފައި ވެއެވެ.
އަނެއްކޮޅުން ރައީސް މައުމޫން މިވަގުތު ގެންދަވަނީ، އެކަންކަން އޮބޭވަރަށް ޓްވިޓަރގައި ހަރަކާތްތެރިވަމުންކަންވެސް ފާހަގަކުރެވިފައިވެއެވެ.
މަދަދަށް އެދި ރައީސް މައުމޫން ޓްވިޓާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ