އިދިކޮޅު ފަރާތްތަކުގެ "ހަވަރު އެއްކުރުމަށް" ރައްޔިތުން އިޖާބަ ނުދިނުމީ ސަރުކާރަށް ލިބުނު ކާމިޔާބެއް – ޕީޕީއެމް

"ހަވަރު އެއްކުރުމަށް" ގޮވާލައި އިދިކޮޅު ފަރާތްތަކުން މިނިވަންދުވަހުގެ ހަރަކާތްތަކަށް ހުރަސްއެޅުމަށް ގޮވާލުމުން އެކަމަށް ރައްޔިތުން އިޖާބަ ނުދިނުމީ މިސަރުކާރަށް އޮތް ތާޢީދު ހާމަވެގެންދިޔަ ކަމެއްކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
ޕީޕީއެމް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި އެޕާޓީއިން ބުނެފައިވަނީ ރައްޔިތުން ތިބި ގޮތުން ހާމަވެގެން ދިޔައީ "އިހުގެ ޕޮލިޓިކްސް" ދޫކޮށް ޤާނޫނަށް ބޯލަނބައި، އަމާން އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކޮށްދެމުންދާ މަސައްކަތް ރައްޔިތުން ބަލައިގަތް ކަމުގައެވެ.
ޕީޕީއެމްއިން ބުނީ އިދިކޮޅު ފަރާތްތަކުން ދިޔައީ ފާހަގަކުރަމުންދާ 52 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކަށް ހުރަސްއަޅާ، މަގުމަތި ހަލަބޮލިކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ މަސައްކަތްކުރަމުންކަމަށެވެ.
"މިފަހަކަށް އައިސް ދިވެހިންގެ ތެރެއިން މަދުބަޔަކު މަސައްކަތް ކުރަމުންދަނީ ޤައުމު ހަލަބޮލިކޮށް މަޞްލަޙަތު ނަގާލާ، ޤައުމުގައި ހަމަނުޖެހުން އުފައްދާ، ޤައުމަށް އަންނަމުދާ ކުރިއެރުންތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ" ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ އިސް ސަފުގައި ތިބީ ވޭތުވެދިޔަ 35 އަހަރުގެ ބޮޑު ބައިގައި މިޤައުމު ހިންގަން ތިއްބެވި ވެރިންކަމަށް ވީހިނދު، އެފަރާތްތަކުގެ ގޮވާލުމަށް ރައްޔިތުން އިޖާބަ ނުދޭކަމީ އެފަރާތްތަކުން އޭރު ގެންގުޅުނު "ޕޮލިޓިކްސް" ބަލައި ނުގަންނަކަމުގެ ދަލީލެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅު ފަރާތްތަކުގެ ރޭވުމަކަށްވީ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގެންނެވި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް، ޤައުމުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ނެތްކަން ދެއްކުންކަމަށްވެސް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ނަމަވެސް ތަޤުދީރު ނިޔާކުރީ އެއަށްވުރެއް މާ މޮޅަށްކަމަށްބުނެ، އިދިކޮޅު ފަރާތްތަކުގެ އޮއްޓަރެއްނެތް ދަށުދަރަޖައިގެ ޢަމަލުތައް ޕީޕީއެމްއިން ކުށްވެރިކުރާކަމަށް މިއަދު ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ