މިދިޔަ ހޯމަ ދުވަހުގެ ރޭ ސިފައިން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައި ހުރި ތަނެއް އަންގައިދިނުމަށް އެދި އާއިލާ އިން ފުލުހުންނަށާއި ސިފައިންނަށް ސިޓީ ފޮނުވައިފި އެވެ.
އަބްދުﷲ ގާޒީގެ ވަކީލު އިބްރާހީމް ރިޒާ ވިދާޅުވީ އާއިލާގެ ފަރާތުން އޭނާ މިއަދު ފޮނުއްވި ސިޓީގައި ފުލުހުންނާއި ސިފައިންގެ ކިބައިން އެދިފައިވާނީ އަބްދުﷲ ގާޒީ ހުންނެވި ތަނެއް އެނގުމަށް އާއިލާ އިން ބޭނުންވާތީ އެކަން ކޮށްދިނުމަށާއި އޭނާގެ ހާލު އޮޅުންފިލުވުމަށް ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ފަހުން އާއިލާއާ ބައްދަލުވެފައި ނުވާތީ އާއިލާއާ ބައްދަލުކޮށްދިނުމަށް ވެސް އެދިފައިވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ވީތަނެއް ހޯދުމަށް ރެއާއި މިއަދު އޭނާ އާއި އާއިލާ އިން ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުނުވާ ކަމަށެވެ. އަދި ސިފައިންގެ ފަރާތުން މި ކަމުގައި އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، އަބްދުﷲ ގާޒީ ހައްޔަރުކޮށް ފޮރުވައިގެން ގެންގުޅުމުން އޭނާގެ އިންސާނީ ހައްގުތަކެއް ގެއްލިފައިވާ ކަމަށާއި އާއިލާ އާއި ދަރިންނާ ބައްދަލުކުރުމުން ވެސް މަހުރޫމްކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި މިއަދު ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި އިރު، އެ ކޮމިޝަނުން ވެސް އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ރިޒާ ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ 30: 11 ހާއިރު ސިފައިންނާއި ފުލުހުން އެ ގެއަށް ގޮސް، ސިފައިން އޭނާ ހައްޔަރުކުރުމަށް ފަހު ގެންދިޔައީ ކޮން ތަނަކަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ލޯންޗަކަށް އަރުވައިގެން މާލޭން ބޭރަށް ގެންދިޔަކަން އެނގިފައިވާ ކަމަށާއި ނަމަވެސް ވީ ތަނެއް ނޭނގޭ ކަމަށެވެ.
އެ މައްސަލަ އާއިލާގެ ފަރާތުން ހުށަހެޅުމުން ހައި ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގައި ފުލުހުންނާއި ބަންޑާރަ ނާއިބާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ އަބްދުﷲ ގާޒީ ވީ ތަނެއް އެ މުއައްސަސާތަކަށް ނޭނގޭ ކަމަށެވެ. އެ ޝަރީއަތަށް އަބްދުﷲ ގާޒީ ހާޒިރުކުރުމަށް ސިފައިންނަށް އަމުރުކޮށްފައިވީ ނަމަވެސް އޭނާ ހާޒިރެއް ނުކުރެ އެވެ. އަދި އެ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ސިފައިން ވެސް ހާޒިރެއް ނުވެ އެވެ.
ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ރޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރީ އަސްކަރިއްޔާގެ އެހީ އަށް ފުލުހުން އެދުމުން ކަމަށާއި އަސްކަރިއްޔާގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ �މާލޭގެ އަމާންކަން ގެއްލި ގައުމީ ސަލާމަތަށް ނުރައްކާވެފައިވާތީ� ކަމަށެވެ.
އަބްދުﷲ ގާޒީ ވީތަނެއް އަންގައިދިނުމަށް އެދި އާއިލާ އިން ފުލުހުންނަށާއި ސިފައިންނަށް ސިޓީ ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ