ރިޔާސީ ބަޔާނަށް ހުރަސްއަޅަން އެމްޑީޕީގެ މެމްބަރުން މަޖިލިސް ތެރެ ގަޑުބަޑުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ފުރަތަމަ ރިއާސީ ބަޔާން ހުށަހެޅުއްވުމަށްޓަކައި ރަތް ދޫލައިގެ މަތީގައި މަޖިލީހަށް ވަޑައިގެންނެވި އިރު، މުޅި މަޖިލިސް އޮތީ ހަލަބޮލިވެފަ އެވެ. ސަރުކާރަށް ތާއީދުކުރާ މެމްބަރުން އެ މަނިކުފާނަށް ތަރުހީބުގެ ދެއްވަމުން ގެންދެވި އިރު، "ތިއީ ބާޣީއެކޭ" ގޮވައި އިދިކޮޅު އެމްޑީޕީ މެމްބަރުން އެ މަނިކުފާނާ ދެކޮޅަށް އަޑު އުފުލަމުން ގެންދެވި އެވެ. މިއީ ދުވަހަކު ވެސް މަޖިލީހުގެ ތެރެއިން ފެނިފައިވާ މަންޒަރެއް ނޫނެވެ.
ބުރާސްފަތިދުވަހު ހެނދުނު 00: 10 ގައި ފަށަން އޮތް މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ އަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަޑައިގަތީ 15: 9 ހާއިރު އެވެ. އެ ބޭފުޅުން މަޖިލީހަށް ވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެރެނީގެ އިން ނުކުމެވަޑައިގެންނެވެ. އެ ބޭފުޅުން މަޖިލީހަށް ވަޑައިގަތް އިރު މަޖިލީހުގެ މާލަން އޮތީ އެހެން އަހަރުތަކެކޭ އެއްގޮތަށް ފުރަތަމަ ޖަލްސާ އަށް ތައްޔާރުކޮށްފަ އެވެ.
ނަމަވެސް އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ މާލަމަށް ވަދެ، ރައީސް ވަހީދަށް ހާއްސަކުރައްވައި ރިއާސަތުގެ މޭޒު ކައިރީގައި ހުރި ގޮނޑިކޮޅު އެ ތަނުން ދުރަށް ގެންގޮސް، އެ ގޮނޑީގައި "ބާޣީ" ލިޔެފައިވާ ކަރުދާސްގަނޑެއް ހިއްޕި އެވެ. އަދި ދައުވަތު ދީގެން ވަޑައިގަންނަވާ ބޭފުޅުންނަށް ހުރި ގޮނޑިތައް މާލަމުން ބޭރު ވެސް ކުރި އެވެ.ދިޓީވީ ވީިޑިއޯ: މަޖިލިސް ޗެމްބަރު ތެރެ
ދައުވަތު ދީގެން ޖަލްސާ އަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ބޭރުގެ މަންދޫބުންނާއި މިނިސްޓަރުން ވެސް ހިމެނެ އެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުން ފެނިފައި ނުވާ ފަދަ ކިތައްމެ މަންޒަރެއް އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ތަމްސީލްވި އެވެ. އެގޮތުން ރައީސް ވަހީދު މަޖިލީހަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނަށް ހުރަސް އެޅުއްވުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރެއްވި އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މާލަމަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުއްވި އެވެ. ޖަލްސާ ނުފެށެނީސް ވެސް މާލަމުގެ ތެރޭގައި މެމްބަރުން މާރާމާރީ ހިންގެވި މަންޒަރު ވެސް ފެނުނެވެ. އަދި ބައެއް މެމްބަރުން ރިއާސަތުގެ މޭޒުކޮޅު މައްޗަށް އަރާވަޑައިގެން ތިއްބެވި އެވެ.
ރިޔާސަތުގެ މޭޒުކޮޅު ފަހަތުގައި ހުންނަ ދިވެހި ދިދަ އާއި ރައީސުލްޖުމްހޫރިއްޔާގެ ދިދަ ނައްޓާލިތަން ވެސް ފެނުނެވެ.
ރައީސް ވަހީދާއި މަޖިލީހުގެ ރައީސަށް ހުރަސް އެޅުއްވުމަށްޓަކައި އެމްޑީޕީގެ ބައެއް މެމްބަރުން މަޖިލީހުގެ މާލަމުގެ ދޮރުމަތީގައި އިށީނދެވަޑައިގަތެވެ. އަދި ބައެއް މެމްބަރުން ތަޅުންމަތީގައި އޮށޯވެގެން ވެސް ތިއްބެވި އެވެ. ދިޓީވީ ވީިޑިއޯ: މަޖިލިސް ޗެމްބަރު ތެރެ
މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރު، މަޖިލީހުގެ އިދާރާގައި ރައީސް ވަހީދު އިންނެވި އެވެ. އަދި ދައުވަތު ދެއްވައިގެން ވަޑައިގެން ތިއްބެވި ބޭރު ގައުމުތަކުގެ ބައެއް ބޭފުޅުން ވެސް ތިއްބެވި އެވެ.
ޕީޕީއެމަށް ނިސްބަތްވާ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ނިހާން ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން ފެނުނީ "ވަރަށް ދެރަވަރުގެ ކަންތައް" ކަމަށާއި "އެއީ މަޖިލީހުގެ ހަޔާތުގައި ދުވަހަކު ވެސް ފެނިގެން ނުދާ ފަދަ މަންޒަރުތަކެއް" ކަމަށެވެ.
މަޖިލީހުގެ މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވުމަކީ ގައުމު ހުއްޓުވާލުން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މާލަމުގައި ހުރި ދިދަ ގަނޑި ވަނީ މެމްބަރުންތަކެއް ބިންދާލާފަ އެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ބިންދާލި ކަމަށް ބުނާ ދިދަ ދަނޑި އަށް އިޝާރާތްކުރައްވައި، އެމްޑީޕީ ވަގުތީ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ "ގޮނޑިއެއްގެ [ރައީސަށް ހާސްކޮށް ބަހައްޓާފައި ހުރި ގޮނޑީގެ] މައްސަލައިގައި ބައެއް އެއްޗެހި ވެއްޓުނު" ކަމަށެވެ.
ދިޓީވީ ވީިޑިއޯ: މަޖިލިސް ޗެމްބަރު ތެރެ
މޫސަ ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުން އިހްތިޖާޖުކުރަމުން ދަނީ ގާނޫނީ ގޮތުން އިންތިހާބުކޮށްފައިވާ ވެރިޔަކު ރިއާސީ ބަޔާން ހުށަހެޅުއްވުމަށް ވަޑައިނުގަންނަވާތީ ކަމަށެވެ. އަދި ރައީސް ވަހީދު ރިއާސީ ބަޔާން ހުށަހެޅުއްވުމަށް އަބަދުވެސް ހުރަސް އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަވަސް އިންތިޚާބެއް ބާއްވާނެ ތާރީޚެއް ނުދޭތީވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބުދަދުވަހުގެ ރޭ ނިންމާފައިވަނީ ރައީސް ވަހީދު، ރިއާސީ ބަޔާން ހުށަހެޅުއްވިޔަ ނުދިނުމަށް ކުރެވެހެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ