ފިލްމީ ތަރި ޒިޔާ އާ ކައިވެނި ބައްލަވައިގަންނަވަން ކުރީގެ މިނިސްޓަރު ޝިދާތާ ރަން ކިޔައިފި

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ފިލްމީ ތަރި އަހުމަދު ޒިޔާއު ރޭ އެންގޭޖްވެއްޖެ އެވެ.
މި އަހަރު އަންނާނެ އެންމެ ރީތި އެއް ތާރިހު، 21-1-21 ގައި އެންގޭޖްވިކަން އިއުލާނުކޮށް، އަދާލަތު ޕާޓީގެ މެމްބަރު ޝިދާތާ ފޮޓޯއަކާއެކު ފޭސްބުކްގައި ކުުރެއްވި ޕޯސްޓުގައި ވިދާޅުވިގޮތުގައި މިއީ ދިރިއުޅުމުގެ އާ ފެށުމެކެވެ. ލޯބިން ހިތްފުރިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ދެ ޖޯޑު މިހާރު އަންނަނީ ކައިވެނި ޕާޓީއަށް ތައްޔާރުވަމުންނެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ވެ އެވެ.
ޝިދާތާގެ އިތުރުން ޒިޔާ ވެސް މީގެ ކުރީގެ ކައިވެންޏަށް ކުއްޖެއް ލިބިފައި ވެ އެވެ.
މިނިސްޓަރުގެ މަގާމުން ފެބްރުއަރީ 6، 2020 ގައި ޝިދާތާ އިސްތިއުފާ ދެއްވިފަހުން ސިޔާސީ ކަންކަމުގައި އެހާ ހަރަކާތްތެރިކޮށް ނޫޅުއްވަ އެވެ.
ދާއިރާއިން ބްރޭކެއް ނެގުމަށްފަހު ޒިޔާ އަންނަނީ ފިލްމީ މަސައްކަތުގައި އަލުން ބައިވެރިވަމުންނެވެ. މީގެ މަހެއްވަރު ކުރިން އޭނާގެ ލަވައެއް ނެރެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ