ޗައިނާއަކީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ: ޕޮމްޕެއޯ

ޗައިނާ އަކީ ރާއްޖެއަށާއި ރާއްޖޭގެ އިގުތިސާދަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަޑް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޕޮމްޕެއޯ ވިދާޅުވީ ޕެރިސް އެގްރިމެންޓަކީ ޖޯކެއް ކަމަށާއި އެ އެގްރީމެންޓުގައި ސޮއިކުރި ގައުމުތަކުން އެ އެގްރީމެންޓާ އެއްގޮތަށް އަމަލުކުރުމަށް އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރާ ކަމަށެވެ.
"މިސާލަކަށް ޗައިނާ ބަލަމާ. ޗައިނާ އަކީ އެންމެ ގިނަ އަދަދަކަށް ވައި ތަގައްޔަރުކުރާ ގައުމު. ޗައިނާއަކީ ރާއްޖެއަށާއި ރާއްޖޭގެ އިގުތިސޯދަށް އޮތް އެންމެ ބޮޑު އެއް ނުރައްކާ. ބެއިޖިންއަކީ އެންމެ ގިނައިން ސީއޯ2 މި ސަރަހައްދުގައި އުފައްދާ ސިޓީ. ބެއިޖިންއާ ބެއިންޖިން ވަށައިގެންވާ ސަރަހައްދުތައް ބެލުމުން އެކަން ސާފުވާނެ،" ޕޮމްޕެއޯ ވިދާޅުވިއެވެ.
ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން ޕެރިސް އެގްރިމެންޓުން ވަކިވި ނަމަވެސް ސީއޯ2 އުފައްދާ މިންވަރު ބޮޑުތަނުން މަދުކޮށްފައިވާނެ ކަމަށާއި އެމެރިކާއިން މިކަން ކޮށްފައިވަނީ ޑިމޮކްރެޓިކް ގައުމުތަކުގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި އެއީ އެގައުމުގެ ރައްޔިތުންވެސް އެންމެ ބޭނުންވާނެ ގޮތް ކަމަށާއި އެމެރިކާ އިން އެ އެއްބަސްވުމުން ވަކިވުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ދެ ގައުމަކުން އެއް މަންޒިލަކަށް ވާސިލުވުމަށްޓަކައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޕޮމްޕެއޯ ވިދާޅުވީ ރާއްޖެއިން ބޭނުންވާ އެންމެ މުހިންމު ކަންކަން ރަނގަޅު ގޮތުގައި ކާމިޔާބު ކުރެވިގެންދާނީ އެމެރިކާ ފަދަ އެކުވެރި އަދި ޑިމޮކްރެޓިކް ގައުމަކާއެކު މަސައްކަތް ކުރެވިގެން ކަމަށެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއިން ދޫކޮށްފައިވާ ލޯނުތައް ދެއްކުމަށް ގިނަ ލުއިތަކެއް ދެއްވާނެ ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖަހަން އެހީތެރިވެދޭނެ ކަމަށެވެ.
ޕޮމްޕެއޯ ވިދާޅުވީ ކޮވިޑަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް އެމެރިކާއިން ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަސް މުސްތަގުބަލެއްގައި ވެކްސިންގެ މަސައްކަތް ނިމޭނެ ކަމަށެވެ. ރާއްޖެއަށްވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޕޮމްޕެއޯ އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި ހައްގުތައް ކަށަވަރު ކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ކަމަށާއި އެކަންކަމަކީ ރާއްޖޭގެ ރައްޔިތުންނާއި އެމެރިކާއިންވެސް ގަބޫލުކުރާ ކަންކަން ކަމަށެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމުކުރެވިގެން މިދަނީ އެފަދަ ކަންކަން ހިތުގެ އަޑިން ގަބޫލު ކުރާތީ ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ