ގައުމީ 8 ބޯލް ބިލިއާޑް މުބާރާތް: އަށް ކުޅުންތެރިޔަކު މުބާރާތާ އަލްވަދާއު ކިޔައިފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ 8 ބޯލް ބިލިއާޑް މުބާރާތުން އަށް ކުޅުންތެރިޔަކު ކަޓައިފިއެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުޅުނު މެޗުތަކަށްފަހު، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ކުޅުންތެރިންނަކީ އިބްރާހިމް ޝާހިދު، ޔޫސުފް ޒުބައިރު، އަހްމަދު ނަފީލް، އަހްމަދު ރަމްޒީ، އަސްލަމް އަބްދުﷲ، ހަސަން ރާޖޭޝް މޫސާ، އަހްމަދު ސޮފްވަތު އަދި ފަތުހުﷲ ޖަމީލް އެވެ.
ރޭ ކުޅުނު މެޗުން ޝާހިދު ބަލިވެފައިވަނީ އޭނާ ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ހާޒިރުނުވުމާ ގުޅިގެންނެވެ. އެހެންކަމުން އެ މެޗު އިބްރާހިމް ހަނީފްއަށް ލިބުނީ 7-0 ފްރޭމްއިންނެވެ. މިއީ ޝާހިދު ބައްޔާއި ކުރިމަތިލާން ޖެހުނު ދެވަނަ ފަހަރެވެ.
މިމުބާރާތާ ޒުބައިރު އަލްވަދާއު ކިޔަން ޖެހުނީ އަހްމަދު އިޔާދު ސައީދު އަތުން ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ. އެ މެޗުން ޒުބައިރު ބަލިވެފައިވަނީ 7-4 ފްރޭމްއިންނެވެ. މިއީ މިމުބާރާތުގައި ޒުބައިރު ބަލިވި ދެވަނަ ފަހަރެވެ. ނަފީލް މުބާރާތާ އަލްވަދާއު ކިޔާފައިވަނީ ދުންޔާޒް މުހައްމަދު އަތުން 6-7 ފްރޭމްއިން ބަލިވުމާ ގުޅިގެންނެވެ. އަދި މިމުބާރާތުން ރަމްޒީ ކަޓާފައިވަނީ އައްބާސް ސައީދު އަތުން 7-4 އިން ބަލިވުމާ ގުޅިގެންނެވެ.
އަހްމަދު ޒިޔަންއާ ދެކޮޅަށް ކުޅެ އަސްލަމް 7-2 އިން ފްރޭމްއިން ބަލިވެފައިވާއިރު، ރާޖޭޝް ބަލިވެފައިވަނީ ޝިފާއު އަބްދުﷲ އަތުންނެވެ. އެ މެޗުން ރާޖޭޝް ބަލިވެފައިވަނީ 7-4 ފްރޭމްއިންނެވެ. މިއީ އަސްލަމް އަދި ރާޖޭޝް ވެސް މިމުބާރާތުގައި ބަލިވި ދެވަނަ މެޗެވެ.
ސޮފްވަތު ކުޅުނު މެޗުން ބަލިވީ ހަސަން ޝާޒް މުހައްމަދުއާ ވާދަކޮށްގެންނެވެ. އެ މެޗުން ސޮފްވަތު 7-4 ފްރޭމްއިން ބަލިވިއިރު، ފަތުހުﷲ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ މުހައްމަދު އަކްސަމް ވަހީދު އަތުން ބަލިވުމާ ގުޅިގެންނެވެ. އެމެޗުން ފަތުހުﷲ ބަލިވެފައިވަނީ 7-2 ފްރޭމްއިންނެވެ.
މިމުބާރާތުގައި މިރޭ ވެސް އަށް މެޗުގެ ކުޅުން ކުރިއަށްދާއިރު، މިމުބާރާތަކީ ޑަބަލް އެލިމިނޭޝަންގެ އުސޫލުން ރޭސްޓް 7 އަށް ކުރިއަށްދާ މުބާރާތެކެވެ. މިރޭގެ މެޗުތައް ވެސް ފެށޭނީ 20:00 ގައެވެ.
މިމުބާރާތުގައި 32 ކުޅުންތެރިން ވާދަކުރާނެއެވެ. އެއީ އެމްބީޕީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނާއި، ކޮލިފައިން މެޗުތަކަށްފަހު، މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި 16 ކުޅުންތެރިންނެވެ.
މިއަހަރު އެމްޕީބީއޭއިން ބާއްވާ ފުރަތަމަ ރޭންކިންގް މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ މިއަހަރު ބޭއްވި ފުރަތަމަ ބިލިއާޑް މުބާރާތް، އޯޕަން 8 ބޯލް ބިލިއާޑް މުބާރާތުގެ މީޑިއާ ޕާޓްނަރު ‘ވަގުތު’ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ