ފަލަސްތީނުގައި އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި 4 މީހަކު ޝަހީދު ކޮށްލައިފި

ޤުދުސް އަކީ އިޒްރޭލްގެ ވެރި ރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމާއި ދެކޮޅަށް އަޑު އުފުލަމުން ދިޔަ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 4 މީހަކު ޝަހީދު ކޮށްލައިިފިއެވެ. އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދަނީ ގައްޒާއާއި ހުޅަނގުއައްސޭރިއާއި އިރުމަތީ ޤުދުސްގައި މުޒާހަރާ ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރަމުންނެވެ. އެގޮތުން މުޒާހަރާތައް ހުއްޓުވުމަށްޓަކައި އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭސް ބޭނުންކޮށްފައިވެއެވެ. ހުކުރު ދުވަހު ހުޅަނގުއައްސޭރީގެ ރާމަﷲ ސިޓީގައި މުޒާހަރާ ކުރަމުން އައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ދިން ބަޑީގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖެކެވެ.  އިޒްރޭލްގެ ސަލާމަތީ ބާރުތަކުން ބުނީ އެކުއްޖާއަށް ހަމަލާ ދިނީ އިޒްރޭލްގެ ސަލާމަތީ ބާރުތަކާއި ކުރިމަތިލާން މަސައްކަތް ކުރުމުން ކަމަށެވެ. ފަލަސްތީނުގެ އެކި ހިސާބުތަކުގައި މުޒާހަރާ ކުރަމުން އަންނަނީ މިމަހުގެ 6 ދުވަހު، ޤުދުސް އަކީ އިޒްރޭލްގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަން އެމެރިކާއިން ތާއީދު ކުރާކަން ހާމަކުރުމާއި ގުޅިގެންނެވެ. އެމެރިކާގެ ނިންމުން ދުނިޔޭގެ ގިނަ ޤައުމުތަކުން ކުށްވެރިކޮށްފައިވެއެވެ. އިރުމަތީ ޤުދުސް އަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގަތުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން(އޯއައިސީ) އިން ވަނީ ނިންމާފައެވެ. އޯއައިސީގައި 57 ޤައުމު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ