އިންތިހާބަކަށް ދެވޭނީ މިނިވަންކަން ޔަގީންވުމުން: މައުމޫން

އިދިކޮޅު ސިޔާސީ ޕާޓީތަކަށް ރިޔާސީ އިންތިހާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އިއްތިހާދުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ވާހަކަ ދައްކާއިރު، އަންނަ އަހަރު ރިޔާސީ އިންތިހާބު ބާއްވާނެތޯ އެއީ ވެސް ބޮޑު ސުވާލެއް ކަމަށެވެ.
އެ މަނިކުފާން ވިދާޅުވީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގެ އެހެން މިނިވަން މުއައްސަސާތަކުން އަމަލު ކުރަނީ ވަކި މީހަކު އަންގާ ގޮތަށް ކަމަށާއި އެހެންވެ ސުވާލު އުފެއްދިދާނެ ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކާއިރު ވަރަށް ވިސްނަން އެބަޖެހޭ. އިންތިހާބެއް އަންނަ އަހަރު އޮންނާނެތޯ އެއީ ވަރަށް ބޮޑު ސުވާލެއް. ދެން އެންމެ ރަނގަޅު ރިޔާސީ އިންތިހާބެއް އޮތިއްޔޯ. އެހެން ނަމަވެސް އެ އިންތިހާބުގެ ނަތީޖާ އަށް ވާނީ ކިހިނެއްތޯ؟" މައުމޫން ވިދާޅުވި އެވެ.
"އެ ވެސް ނޭނގޭ. އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ ވަކި ފަރާތަކުން އަންގާ ގޮތަކަށް ހުރިހާ މުއައްސަސާތަކުން އަމަލު ކުރަމުންދާ ތަން. އެއްވެސް މުއައްސަސާއަކަށް މިނިވަން ކަމެއް ނެތް. އެއީ ކޯޓަކަށް ވިޔަސް. ކޮމިޝަނަކަށް ވިޔަސް ވަކި ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ނިންމަނީ. އެހެންވީމާ އިލެކްޝަން ކޮމިޝަނުން ކަންކަން ކުރައްވާނީ ކިހިނެއްތޯ؟ ނަތީޖާ ނެރުއްވާނީ ކިހިނެއްތޯ؟"
މައުމޫން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކާ އިރު، އެންމެ ކަންބޮޑުވާން ޖެހެނީ އިލެކްޝަން ކޮމިޝަން އޮތް ހާލަތާ މެދުގަ އެވެ.
"...އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިހާބެއް އޮންނާނެކަން ޔަގީންވީމަ. އެހެން ނޫނީ އެ ކުރެވެނީ ބޭކާރު މަސައްކަތެއް،" މައުމޫން ވިދާޅުވި އެވެ. "ވަގުތާއި މުދަލާއި ފައިސާ އެ ހަރަދު ކުރެވެނީ ބޭކާރު ކަމެއްގެ ގޮތުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ޔަގީން ވާން ޖެހޭނެ އެންމެ ފުރަތަމަ އިންތިހާބު ބޭއްވޭނެކަން. ދެވަނަ ކަމަކަށް އެ އިންތިހާބު ބޭއްވޭނީ ހަމަޔާއި ގާނޫނުއަސާސީ އާއި ގާނޫނު ބުނާ ގޮތުގެ މަތިން މިނިވަންކަމާއި އިންސާފުވެރިކަމާ އެކުކަން ކަށަވަރު ވާން ޖެހޭނެ."
އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން.
ވެރިކަންކުރާ ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކަށް ފަހު ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާ މައުމޫން ވިދާޅުވީ ހަމަތަކުގެ މަތިން އިންތިހާބު ބޭއްވޭނެކަން ކަށަވަރު ނުވާ ނަމަ އެކަން ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ރިޔާސީ އިންތިހާބުގެ ވާހަކަ މި ދައްކަން ޖެހެނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި. އޭގެ ކުރިން އަޅުގަނޑުމެން ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި." މައުމޫން ވިދާޅުވި އެވެ.
މައުމޫން ފާހަގަ ކުރެއްވި ގޮތުގައި އިދިކޮޅު ފަރާތްތަކުގެ އަތުގައި މިވަގުތު އޮތް އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެވެ.
"އެ އަޣުލަބިއްޔަތު ބޭނުންކޮށްގެން އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް ކުރެވޭނީ. އަޅުގަނޑުމެން ކަންކަން ކުރަން ބޭނުން ވަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އެއަށް ވުރެ މޮޅު ގޮތެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. "އެއީ ޑިމޮކްރަސީ ބުނާ ގޮތަކީ ވެސް. އެހެންވީމާ އަޅުގަނޑުމެން މެޖޯރިޓީ ބޭނުންކޮށްގެން ބޭނުންވާ އިސްލާހުތައް ގެންނަން އެބަޖެހޭ."
މައުމޫން ވިދާޅުވީ ރިޔާސީ އިންތިހާބެއްގެ ވާހަކަ ދައްކަންވީ ވެސް އެ އިސްލާހުތައް ގެނެސްފައި ކަމަށެވެ.
"މިހާރު މިއޮތް ގޮތަށް ކަންތައް އޮވެގެން، މި ސަރުކާރު އޮވެގެން، މިހާރު މިއޮތް އިލެކްޝަން ކޮމިޝަން އޮވެގެން ކިހިނެއްތޯ ރިޔާސީ އިންތިހާބެއް ބާއްވާނީ؟" އެ މަނިކުފާން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިސްލާހީ މަސައްކަތްތަކުން މިހާރު ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމާ ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމަށާއި ސަރުކާރު މިހާރު އޮތީ "ސައިޒްވެފައި" ކަމަށް އެ މަނިކުފާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ