މި ސިޔާސީ ކާރިސާ އިން ސަލާމަތްވާނީ އެންމެން ގުޅިގެން: މައުމޫން

ރާއްޖެ އަށް މިހާރު ދިމާވެފައިވަނީ ސިޔާސީ ކާރިސާއެއް ކަމަށާއި އެކަމުން ސަލާމަތްވާން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސުނާމީ ހާދިސާ އަށް 13 އަހަރު ފުރުމާއި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި މައުމޫން ދެއްވި މެސެޖުގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާ އިރު، ސުނާމީ ހާދިސާގައި ދިވެހިން ދެއްކި ގައުމީ ރޫހު ހަނދާން ކޮށް އެ ކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމަށް ދިމާވާ ކޮންމެ ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ދަރިކަނބަލުން، ޔުމްނާ މައުމޫން މެދުވެރިކުރައްވައި ވީޓީވީން ފޮނުއްވި މެސެޖުގައި މައުމޫން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވަނީީ ސިޔާސީ ކާރިސާއެއް ކަމަށެވެ.
މީގެ 13 އަހަރު ކުރިން އެރި ސުނާމީން އަރައިގަންނަން ދިވެހީން މުޅި ދުނިޔެ އަށް ދެއްކި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން އެކަމުން މިންޖުވާން މަސައްކަތް ކުރަންޖެހޭ ކަން، އެ މެސެޖުގައި ވެ އެވެ.
"ދިވެހިރާއްޖެ އަށް މިހާރު ވެސް ދިމާވެފައި މިވަނީ ބިރުވެރިކަމާއި ނާމާންކަމުގެ ދުވަސްތަކެއް، އެތައް ބައިވަރު ރައްޔިތުންނަކަށް ދަނީ ނުހައްގުން އަނިޔާ ލިބެމުން. އޭރު ވެސް ސުނާމީ ކާރިސާ އިން އަރައިގަތުމަށް މުޅި ދުނިޔެ އަށް ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން، ދިވެހިރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ "ކާރިސާ" އިން ސަލާމަތްވުމުގެ މަސައްކަތް، ދިވެހިން ކުރަންޖެހޭ،" މައުމޫނުގެ މެސެޖުގައި ވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ދެއްވި އެ މެސެޖުގައި މައުމޫން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ