ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރިކޮށް، ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައި މަނީ ލޯންޑާކުރާ ކަމަށް ތުހުމަތުކޮށް، ކުންފުންޏެއްގެ ފަސް އެކައުންޓެއް ފްރީޒްކުރީ ރަނގަޅަށް ނޫން ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - އެ ކުންފުންޏަށް ދައުލަތުން ކުރާ ތުހުމަތުތައް:
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅު ބާޒާރުގައި ބޭރު ފައިސާގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރުން
ރާއްޖެއަށް މުދާ އެތެރެކުރާ ކަމަށް ދައްކައިގެން އޮޅުވާލުމުގެ ތެރެއިން އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތައް ބޭނުންކޮށްގެން ގިނަ އަދަދަކަށް ޓީޓީ ހަދައި ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައި މަނީ ލޯންޑާކުރުން
ތަފްސީލް - އެ މައްސަލައިގައި އެ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައި ހުރި ހުރިހާ އެކައުންޓުތައް ބަންދުކުރެވެންދެން އެ އެކައުންޓްތައް ފްރީޒް ކުރުމަށް ފުލުހުން އެދުނެވެ.
ފުލުހުން އެދުނު ގޮތަށް، މިދިޔަ ޖެނުއަރީ 16ގައި ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ. ކްރިމިނަލް ކޯޓުން ބީއެމްއެލްގެ މައްޗަށް އަމުރުކުރީ ކުންފުނީގެ ފަސް އެކައުންޓެއްގައި ހުރި ފައިސާ، 16 ފެބްރުއަރީން 15 މެއިގެ ނިޔަލަށް ހިފަހައްޓައި އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމަށެވެ.
ބުނީ ކީކޭ؟ - ކުންފުނީގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ ކުންފުނިން ހައި ކޯޓުގައި ފާހަގަކުރި ކަންކަމަކީ:
މަނީ ލޯންޑްރިން ކަމަށް ތުހުމަތު ކުރި ނަމަވެސް، ކޯޓު އަމުރަށް އެދިފައި ވަނީ ވެސް އަދި ކޯޓު އަމުރު ނެރެދީފައި ވަނީ ވެސް މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށަކުން ނޫން
ކްރިމިނަލް ކޯޓުގެ އަމުރު ބާތިލު ކަމަށް ކަނޑައަޅައި ދިނުމަށް އެދުނު
އެ ކުންފުނީގެ އެކައުންޓުތައް ވަގުތުން ދޫކޮށްލުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދުނު
ދައުލަތުން ހައި ކޯޓުގައި ބުނީ، އެ ކުންފުނީގެ ފަރާތުން ފާހަގަކުރި ކަންތައްތަކަށް އިއުތިރާޒު ނުކުރާ ކަމަށެވެ. އަދި އެއީ ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ނުދެކޭ ކަމަށް ދައުލަތުން ވެސް ބުންޏެވެ.
އެހެންކަމުން، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ހަސަން ޝަފީއު، އަބްދުﷲ ހަމީދު އަދި ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ނިންމެވީ އެކައުންޓުތައް ފްރީޒްކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރުމަށެވެ.
މަނީ ލޯންޑްރިންގެ ތުހުމަތުގައި ފްރީޒްކުރި އެކައުންޓުތައް ދޫކޮށްލަން ހައި ކޯޓުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ