ޓާމު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ، މޫސުމަށް ސަމާލުވޭ: މެޓް އޮފީސް
ސްކޫލު ބަންދު ނިމޭއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ޓާމް ބަންދު ޗުއްޓީ ނިންމައިފައި އަންނަ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން 'ސަން'އަށް މިއަދު ބުނީ މާދަމާއާއި ހޯމަ ދުވަހު އެކި ރަށްރަށަށް ކުޑަކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ. ނަމަވެސް ޓާމު ބަންދު ނިމޭ ކޮޅު ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ. އެގޮތުން މި މަހުގެ 28ވަނަ ދުވަހުން ފެށިގެން 31ވަނަ ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް، އެ އިދާރާގެ ފަރާތުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވިއެވެ. "ވިއްސާރަކޮށް ދައްކާ އެބަ މުޅި ރާއްޖެއަށް ކަހަލަ ގޮތަކަށް، ވައި ވެސް ގަދަ، ދެން ތަންކޮޅެއް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭ، އެހެންވީމާ ޗުއްޓީ ނިންމައިފައި ވަޑައިގަންނަވާ ބޭފުޅުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަންޖެހޭ،" އޮފިޝަލު ވިދާޅުވިއެވެ. މީގެ ކުރިން ވެސް މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ އެކި ހާދިސާތައް ހިނގައިފައި ވެއެވެ. މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ދޭތެރެއަކުން ހިނގާތީ، ކަނޑުމަތީގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއާއި ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ