ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލު މިއަދު ޓޯކޮށްފި އެވެ.
ވީ ކިހިނެއް؟ - ސިނަމާލެ ބްރިޖު މަތީގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލުތަކެއް ރޭ ދުއްވި މަންޒަރު ފެންނަ ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.
އެވީޑިއޯތަކުން ފެންނަ ގޮތުގައި، ޒުވާން އުމުރު ފުރާއިގެ ބަޔަކު ކާރޫބާރޫ ބޮޑު އެ ބްރިޖު މަތީގައި ސްޓަންޓު ވެސް ޖައްސާފައިވެ އެވެ. ސައިކަލު މަތީގައި އޮށޯވެ އޮވެގެން ވަރަށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާ މަންޒަރު ވެސް ފެނެ އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެ ސައިކަލުތައް ޓޯކުރީ 30 ދުވަހުގެ މުއްދަތަކަަށް ކަމަށެވެ. އެކަން ކުރި މީހުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅި ކަމަކަށް ނުބުނެ އެވެ.
އެ ސައިކަލުތައް ޓޯކުރީ، މިފަދަ ގޮތަކަށް ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅޭތީ އާއި އެކަންކަން ނުހުއްޓުވޭތީ އާންމުންގެ ފާޑުކިއުންތައް ބޮޑުވެފައިވަނިކޮށެވެ. އެގޮތަށް ބްރިޖު މަތީގައި ސައިކަލު ދުއްވިއިރު، ޓްރެފިކް ފުލުހުން ކޮބައިތޯ ވެސް ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.
ނުރައްކާތެރި އެކްސިޑެންޓުތައް ގިނަވެފައިވާއިރު، އެފަދަ އަމަލުތަކުގެ ސަބަބުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ މީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ކަމުގެ ކަންބޮޑުވުންތައް އާންމުން ވަނީ ފާޅުކޮށްފަ އެވެ.
ބްރިޖު މަތީ ނުރައްކާތެރިކޮށް ދުއްވި 3 ސައިކަލު ޓޯކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ