ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ސަރުކާރުން ވަނީ ވަންގަވް ޕްލެޓްފޯމަށް 198 އާ ހިދުމަތެއް ތައާރަފުކޮށްފައެވެ. މިކަން ހާމަކޮށްފައިވަނީ ސަރުކާރުގެ ޑިޖިޓަލް ނިޒާމު ތަރައްގީކޮށް ބަލަހައްޓާ ކުންފުނި ކަމަށްވާ މައިންޑްކޯ އިންނެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައިންޑްކޯއިން އެމްއެމްޓީވީއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވަންގަވްގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުއެވެ. ފުރަތަމަ މަރުހަލާގައި ސަރުކާރުގެ އިދާރާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް، ގިނަ އަދަދެއްގެ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވުނެވެ. ވަންގަވް ރަސްމީކޮށް އިފްތިތާހުކުރީ 10 ޖުލައި 2023 ގައެވެ. އެ އަހަރު ނިމުނުއިރު 308 ހިދުމަތެއް އެ ޕްލެޓްފޯމް މެދުވެރިކޮށް ލިބެން ހުއްޓެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޑިޖިޓަލް ބަދަލުތަކަށް ދެއްވާ އިސްކަމާއެކު، ވަންގަވްގެ ހިދުމަތްތައް ފުޅާކުރުން ވަނީ އަވަސްކޮށްފައެވެ. މިގޮތުން 2024 ވަނަ އަހަރު 92 އާ ހިދުމަތެއް، 2025 ވަނަ އަހަރު 84 ހިދުމަތެއް، އަދި 2026 ގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 22 ހިދުމަތެއް ވަނީ އިތުރުކޮށްފައެވެ.
މައިންޑްކޯއިން ފާހަގަކުރި ގޮތުގައި، ހިދުމަތެއް ވަންގަވްއަށް އިތުރުކުރުމަކީ ބޮޑު ތައްޔާރީތަކެއް ބޭނުންވާ ކަމެކެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން އެ ފަރާތްތަކުގެ މަސައްކަތު މަރުހަލާތައް އަލުން މުރާޖައާކޮށް، އެތެރޭގެ މަސައްކަތްތައް ޑިޖިޓަލްކޮށް، މިހާރު ހުރި ނިޒާމުތައް ވަންގަވްއާ ގުޅާލެވޭނެ ގޮތަށް ބަދަލުކުރަން ޖެހެއެވެ.
މި ޕްލެޓްފޯމަށް އިތުރުކުރެވުނު ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މުސްތަގިއްލު މުއައްސަސާތަކުގެ އިތުރުން ބައެއް ކައުންސިލްތަކުގެ ހިދުމަތްތައް ވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އެއް ފުރާޅެއްގެ ދަށުން ހިދުމަތްތައް ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ އަމާޒަކީ 2026 ވަނަ އަހަރު ނިމޭއިރު މަރުކަޒީ ސަރުކާރުގެ 70 އިންސައްތަ ހިދުމަތް އަދި ކައުންސިލްތަކުގެ 40 އިންސައްތަ ހިދުމަތް ވަންގަވް މެދުވެރިކޮށް ލިބޭނެ ގޮތް ހެދުމެވެ.
ދެ އަހަރާއި ބައިގެ ތެރޭގައި ވަންގަވް ޕްލެޓްފޯމަށް 198 ހިދުމަތެއް އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ