އިންޑިއާގެ ޒުވާނުންގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ކުރަމުންދިޔަ މުޒާހަރާތައް އިންޑިއާ ސަރުކާރުން އެމީހުންގެ ހުރިހާ ޑިމާންޑްތަކަކަށް އެއްބަސްވުމާ ގުޅިގެން ރަސްމީކޮށް ހުއްޓާލައިފި އެވެ.
މި ބޮޑު ކުރިއެރުން ލިބިފައިވަނީ ގައުމުގައި ބޮޑު ސިޔާސީ ނުތަނަވަސްކަމެއް އުފެއްދި، އަދި ދުނިޔޭގެ ސަމާލުކަން ހޯދި ޒުވާނުންގެ ވަރުގަދަ މުޒާހަރާތަކަކަށް މަސް ދުވަސްވީ ފަހުންނެވެ.
ސީޖޭޕީގެ ލީޑަޝިޕުން މުޒާހަރާތައް ހުއްޓާލީ މިއަދު ސަރުކާރުގެ ވަޒީރުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ. މި މަޝްވަރާތަކުގައި ސަރުކާރުން ވަނީ މުޒާހަރާކުރާ ފަރާތްތަކުގެ ހުރިހާ ޝަރުތުތަކަކަށް ދޫ ދީފަ އެވެ. އޭގެ ތެރޭގައި، އިމްތިހާން ކަރުދާސްތައް ލީކުވި ބޮޑު މައްސަލައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. މީގެ އިތުރުން، އިމްތިހާން ކަރުދާސް ލީކުވުމުގެ ސަބަބުން ކުރިމަތިވި މައްސަލަތަކުގައި އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 10 މިލިއަން ރުޕީސް ދިނުމަށާއި، މުޒާހަރާގެ ބައިވެރިންނަށް ގާނޫނީ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސަރުކާރުން އެއްބަސްވި އެވެ.
މި ހަރަކާތަކީ ވަޒީފާއެއް ނެތް ޒުވާނުންނަކީ ކުރަފިތަކެއް ފަދަ ބައެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވުމުން، އެކަމާ ނުރުހުން ފާޅުކޮށް އަބީޖީތު ދިޕްކޭ ނަމަކަށް ކިޔާ ޒުވާނަކު ސަމާސާ ގޮތަކަށް ފެށި އޮންލައިން ކެމްޕޭނެކެވެ. ނަމަވެސް، މި ހަރަކާތް ފުޅާވެ، ގާނޫނު ހަދާ މަޖިލީހަށް ވަންނަން ބޭއްވި ހިނގާލުމަށް ފުލުހުން ހުރަސްއެޅުމާއި، އެކްޓިވިސްޓް ސޯނަމް ވަންގްޗުކް 26 ދުވަސް ވަންދެން ކުރި ބަނޑުހައިހޫނުކަމުގެ ހަޅުތާލާ އެކު މުޅި ގައުމަށް މި މުޒާހަރާތައް ފެތުރިގެންދިޔަ އެވެ.
މުޒާހަރާ ހުއްޓާލުމުގެ އެއްބަސްވުމުގެ ރަސްމީ ލިޔެކިޔުންތައް ސަރުކާރަށް ހުށަހަޅާފައިވާއިރު، އަންގާރަ ދުވަހުގެ ނިޔަލަށް ސަރުކާރުން ފައިނަލް ޖަވާބެއް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ޑިމާންޑުތަކަށް އެއްބަސްވުމުން އިންޑިއާގެ ޒުވާނުން މުޒާހަރާ ހުއްޓާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ