ސީއެޗްއެސްއީއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ދަރިވަރުންނަށް އެމްއޭސީއެލްގެ އެހީ

ސީއެޗްއެސްއީއިން ގުރޭޑް 11 ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ދަރިވަރުންނަށް އެމްއޭސީއެލްއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ. މި ކަމާ ގުޅިގެން އަންގާރަ ދުވަހު އެމްއޭސީއެލްއާއި ސީއެޗްއެސްއީއާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ފާސް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއިއެކު އިތުރު ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެމްއޭސީއެލްއިން ވަނީ ތިން އަހަރު ދުވަހަށް މެރިޓް އެވޯޑް ސްޕޮންސަރު ކޮށްފައެވެ. "އެމްއޭސީއެލް މެރިޓް އެވޯޑް"ގެ ނަމުގައި ގާއިމުކުރި މި ޕާޓްނާޝިޕްގެ ދަށުން ސީއެޗްއެސްއީގެ ގްރޭޑް 11ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އަންހެން ދެ ދަރިވަރުން އަދި ފިރިހެން ދެ ދަރިވަރަކަށް އެ ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މީގެއިތުރުން، މި ދަރިވަރުންނަށް އެމްއޭސީއެލް ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އެކުއްޖަކު ޝައުގުވެރިކަން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ފުރުސަތު ފަހިވާނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ސީއެޗްއެސްއީ އާއި އެމްއޭސީއެލްއާ ދެމެދު ފަހުމުނާމާގައި ސޮއިކުރަނީ -- މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ މަހްޖޫބު ޝުޖާއު ވިދާޅުވީ، މި އެވޯޑުގެ އަމާޒަކީ ކުދިންގެ ކިޔެވުމުގައި ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ އިތުރުން މިފަދަ ކާމިޔާބީ ހޯދާ ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އަދި އެމްއޭސީއެލްގައި އެ ދަރިވަރުންނަށް ވަޒީފާގެ ތަމްރީނާއި ތަޖްރިބާ ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މުހިންމު މަޤުސަދެއް ކަމަށާއި، އުންމީދުކުރަނީ ކިޔަވާ ނިންމުމަށްފަހު އެމްއޭސީއެލްގެ ވަޒީފާއާއި ގުޅޭ ދަރިވަރުންގެ ނިސްބަތް އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ޞަފޫރާ "ސަން"އަށް ވިދާޅުވީ މިއީ ދަރިވަރުންނަށް ވަރަށް ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ރަނގަޅު ނަތީޖާ ހޯދަން ދަރިވަރުންގެ މެދުގައި ކޮމްޕެޓިޝަންއެއް އުފެދޭނެ ކަމަށެވެ. "އެމްއޭސީއެލްއިން އެ ތަނުގައި އެ ކުދިންނަށް ކެރިއާ ގައިޑެންސް އޮޕޮޗުނިޓީސްއާއި ވަރަށް ގިނަ ދޮރުތަކެއް ހުޅުވިގެން އެބަދޭ. އެއީ ވެސް ބޮޑު ކުރިއެރުމަކަށް ވާނެ،" ޞަފޫރާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ އެމްއޭސީއެލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މި އެވޯޑަށް ދަރިވަރުން ހޮވާނެ ގޮތް ވެސް މިހާރު ކަނޑައަޅައިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ